ޚަބަރު

ޖަޕާނުގެ އެހީގައި މާސްޓަރސްއަށް ކިޔެވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި


  • މިއަހަރު 6 ފުރުޞަތު ފަހިކޮށްދޭ

  • ތަފާތު 3 ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތުދޭ

މަތީ ތަޢުލީމުގެ ދާއިރާއިން ޖަޕާނު ސަރުކާރުން ސްކޮލަރޝިޕް ފުރުޞަތު ރާއްޖެއަށް ފަހިކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙުމަދުއެވެ. އަދި ޖަޕަނީސް ގްރާންޓް އެއިޑްގެ ފަރާތުން ސޮއިކުރެއްވީ ޖައިކާގެ ރެސިޑެންޓް ރެޕްރެޒެންޓިވް މޮޓޫ ޓަކީއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ އެކި ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާކުރުމަށްް ޖަޕާނުން ކޮންމެ އަހަރަކު ދެމުން އަންނަ ސްކޮލަރޝިޕް ފުރުޞަތެއްކަމަށެވެ. އެގޮތުން މިއަހަރު ވަނީ މާސްޓަރސް ޑިގްރީގެ 6 ސްކޮލަޝިޕް ފުރުޞަތަށް ހުޅުވާލާފައެވެ. މި ފުރުޞަތު ދޭ ދާއިރާތަކުގެ ތެރޭގައި އިންޓަރނޭޝަނަލް ރިލޭޝަންސް، ޕަބްލިކް ޕޮލިސީ އަދި އެންވާރަމަންޓަރލް ސައިންސަސް ހިމެނެއެވެ.

މި ފުރުޞަތަށް ޖަޕާނު ސަރުކާރުން 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.

މިއީ ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެތެރެއިން ރާއްޖެއަށް އެގައުމުން ފަހިކޮށްދޭ ފުރުޞަތެކެވެ. އެގޮތުން ރާއްޖެއަށް ތަޢުލީމީ މީހުން ބޭނުންވާ މުހިންމު ދާއިރާތަކަށް، ތަޢުލީމާ ހުނަރު ލިބިފައިވާ ޒުވާނުން ތަރައްޤީކުރުމަކީ މި ފުރުޞަތުގެ އެންމެ ބޮޑު ބޭނުންކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

މި އެއްބަސްވުމުގެދަށުން، ކުރިއަށް އޮތް 4 އަހަރު، ރާއްޖެއަށް މަތީ ތަޢުލީމުގެ ދާއިރާއިން ޖަޕާނު ސަރުކާރުގެ އެހީ ލިބިގެންދާނެކަމަށް މަތީ ތަޢުލީ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ވޭތުވެދިޔަ 4 އަހަރަކު، މާސްޓަރސް ފެންވަރަށް ތަޢުލީމު ޙާސިލްކުރުމުގެ ފުރުޞަތު 24 ދިވެއްސަކަށް ޖަޕާނު ސަރުކާރުން ފަހިކޮށްދީފައިވެއެވެ.