ޚަބަރު

ޕެންޝަން ސްކީމުން ގެދޮރު ގަނެވޭ އުޞޫލު ގެޒެޓްކޮށްފި


ޕެންޝަން ސްކީމްގެ މެންބަރުންގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ މެންބަރުންނަށް، ރިޓަޔަރމަންޓް ސޭވިން އެކައުންޓުގައި ހުންނަ ފައިސާއިން ލޯނު ދޫކުރާ އުޞޫލުގެ ޤަވާޢިދު ގެޒެޓްކުރައްވައިފިއެވެ. 

މި ޤަވާޢިދުގެ ދަށުން ލޯނު ދޫކުރާނީ، ޢިމާރާތްކޮށް ނިންމައި ޢާންމުކޮށް ހުޅުވާލެވޭ ބާޒާރެއްގައި ވިއްކާ ޢިމާރާތްތައް ގަތުމަށް އެކަންޏެވެ. އަދި އެ ޢިމާރާތަކީ ދިރިއުޅުމަށް ބޭނުންކުރާ ޢިމާރާތަކަށްވެސް ވާންޖެހޭކަމަށް މިޤަވާޢިދުގައި ބަޔާންކޮށްފައިވެއެވެ. އިއްޔެ ގެޒެޓްކުރި މި ޤަވާޢިދުގައި ވަނީ، ޕެންޝަން ސްކީމްގެ މެންބަރުންގެ ތެރެއިން ގެދޮރު ގަތުމަށް މެމްބަރަކު ޝަރުތު ހަމަވާނީ، އެމީހަކީ ރިޓަޔާމަންޓް ޕްރޮފިޓް ލިބެމުންދާ މީހަކަށް ނުވުމުގެ އިތުރަށް 60 އަހަރު ނުފުރޭ މީހެއް ކަމުގައި ވާނަމަ ކަމަށެވެ. އަދި ޕެންޝަން ސްކީމުން ނަގާ ލޯނު އެމީހެއްގެ ޢުމުރުން 65 އަހަރުވުމުގެ ކުރިން ދައްކައި ޚަލާޞްކުރަންޖެހޭނެ ކަމަށްވެސް އެ ޤަވާދުގައިވެއެވެ.  

މި ޤަވާޢިދަކީ، ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްތަކަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާބެހޭ ޤާނޫނަށް ސަރުކާރު ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙް ހުށަހެޅުއްވި އިޞްލާޙް ފާސްވުމާ ގުޅިގެން، ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމާބެހޭ އުޞޫލުތައް ކަނޑައެޅުމަށް އެކުލަވައިލި ޤަވާޢިދެކެވެ.