ދީން

ޒަކާތު ފަންޑުން ތަޢުލީމީ އެހީ ދިނުމާގުޅޭ އުޞޫލެއް އެކުލަވާލަނީ


ޒަކާތު ފަންޑުން ތަޢުލީމީ އެހީދިނުމާގުޅޭ އުޞޫލެއް އެކުލަވާލައްވަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއާއެކު، ޒަކާތު ފަންޑުގެ ދަށުން، މަތީ ތަޢުލީމް ޙާސިލް ކުރުމަށް ދެހާސް ފަނަރަވަނަ އަހަރު ދެއްވަން ނިންމެވި، އެހީތައް މެދުކަނޑުއްވާލައްވާފައިވާ ކަމަށްވެސް، އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. 

އިސްލާމިކް މިނިސްޓަރ އަޙްމަދު ޒިޔާދު ވިދާޅުވީ، ދެހާސް ފަނަރަ ވަނަ އަހަރު ދެއްވަން ނިންމާފައިވާ އެހީތައް ހުއްޓަވާލައްވާފައިވަނީ، ބައެއް މައްސަލަތައް ފާހަގަކުރެވިގެން ކަމަށާއި، މިނިސްޓްރީން ބޭނުންވަނީ ހަރުދަނާ އުޞޫލެއްގެ ދަށުން، އެކަން ކުރިއަށް ގެންދެވުމަށް ކަމަށެވެ. އުޞޫލު ތައްޔާރުކުރެއްވުމުގެ މަސައްކަތް ކުރިއަށް އޮތް، ދެމަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި، އުޞޫލު ފައިނަލް ކުރެއްވުމަށްފަހު މިއަހަރު ދެއްވަން ނިންމާފައިވާ ތަޢުލީމީ އެހީތަކަށް ފުރުޞަތު ހުޅުއްވާލައްވާނެ ކަމަށް މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް ދެއްވާ އެހީތައް ކުރިން ދެއްވަމުން ގެންދެވީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް، އެހީއަށް އެދުމުގެ ފުރުޞަތު ހުޅުއްވާލައްވައިގެނެވެ. އަދި އެހީ ދެއްވުމުގައި ދަރިވަރުންގެ ޢާމްދަނީއާއި ދަރިވަރުންގެ ޙާލަތުގެ މައްޗަށް ބައްލަވާފައިވެއެވެ. 

އިސްލާމިކް މިނިސްޓަރ ވިދާޅުވީ، އަލަށް އެކުލަވާލާ އުޞޫލުގައިވެސް ދަރިވަރުންގެ ޢާމްދަނީއާއި ޙާލަތަށް ބެލޭނެ ކަމަށެވެ.

ޒަކާތު ފަންޑުން، މަތީ ތަޢުލީމު ޙާޞިލްކުރުމަށް ދެއްވާ އެހީތަކަކީ، ފުދުންތެރިކަން ނެތް ދަރިވަރުންނަށް މާލީގޮތުން އެހީވެދެއްވުމަށް ދެއްވަމުން ގެންދެވި އެހީއެކެވެ. މިއުޒިކާއި ނެށުން ފިޔަވައި އެހެން ދާއިރާތަކުން މަތީ ތަޢުލީމް ޙާޞިލްކުރާ ފަރާތްތަކަށް ޒަކާތު ފަންޑުން އެހީދެއްވައެވެ. 

ތަޢުލީމީ ދާއިރާގެ އިތުރުން، ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަރައްޤީއަށްވެސް ޒަކާތު ފަންޑުން ބޮޑު ހޭދައެއް ކުރައްވައެވެ. ޚާއްޞަކޮށް ތެލަސީމިޔާ ކުދިންގެ ބޯންމެރޯ ހެދުމަށާއި، ޚާއްޞަ ބަލިތަކުގެ ދިވެހި ޑޮކްޓަރުން ތަމްރީން ކުރުމަށްވެސް ޒަކާތު ފަންޑުން އެހީދެއްވައެވެ.