ޚަބަރު

އިންޑިޔާއިން ރާއްޖެއަށް 3 ފައިޓަރ ޖެޓް ދިނުމަށް ނިންމައިފި


ދިވެހި ވައިގެ ޢަސްކަރިއްޔާ އުފެއްދެވުމަށްޓަކައި، އިންޑިޔާ އަދި ޕާކިސްތާނުން ބޮޑެތި އެހީތަކެއް ލިބިވަޑައިގެންފައިވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. 

ދިވެހި ވައިގެ އަސްކަރިއްޔާ އުފެއްދެއްވުމަށް، އިންޑިޔާ އަދި ޕާކިސްތާނުން ދެއްވާފައިވާ އެހީތަކާބެހޭ ތަފްޞީލްތައް ޙިއްޞާކުރެއްވުމަށް ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރ ވިދާޅުވީ، އިންޑިޔާގެ ވައިގެ ޢަސްކަރިއްޔާގެ އިސް ބޭފުޅުންނާއެކު، ދާދި ފަހުން ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން، 3 ފައިޓަރޖެޓް އެއަރކްރާފްޓް ރާއްޖެއަށް ދިނުމަށް އިންޑިޔާ ސަރުކާރުން ނިންމާފައިވާކަމަށް ވިދާޅުވިއެވެ. އަދި އެ ދާއިރާއިން މީހުން ބިނާކުރުމުގެ ފުރުޞަތުވެސް އިންޑިޔާއިން ފަހިކޮށްދީފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/8311.jpg|ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ނިއުދިއްލީގައި ހުންނަ އަސްކަރީ މަރުކަޒެއްގައި / ފޮޓޯ: ދިއްލީ ހައިކޮމިޝަން

ޕާކިސްތާނުން ދީފައިވަނީ ސްޕަރ މަޝާކް ބްރޭންޑްގެ ދެ މަތިންދާބޯޓް ކަމަށާއި، އެއީ ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ލިބޭ އުޅަނދުތަކެއް ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ، ވައިގެ އަސްކަރިއްޔާގެ މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި، ސަރުކާރުގެ ސިޔާސަތަކީ، މި ދާއިރާއަށް ބޭނުންވާ ދިވެހިން ބިނާކުރައްވައިގެން ނޫނީ، މަސައްކަތްތައް ނުފެއްޓެވުން ކަމަށެވެ. އެގޮތުން އިންޑިއާއިން ދީފައިވާ ތަމްރީން ޕްރޮގްރާމްތަކަށް ބޭނުންވާ މީހުން ހޯއްދެވުމަށް މި މަހުގެ ތެރޭގައި ހުޅުއްވާލައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14642404449857.jpg|ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް، ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރާއެކު / ފޮޓޯ: އެމްއެންޑީއެފް

އިންޑިޔާ ސަރުކާރުގެ އެހީގައި، މީހާރުވެސް ރާއްޖޭގައި ދަނީ ހެލިކޮޕްޓަރެއް އޮޕަރޭޓް ކުރަމުންނެވެ. އަދި މިދިޔަ އަހަރު އިންޑިޔާއިން ރާއްޖެއަށް މަތިންދާބޯޓެއްވެސް ހަދިޔާކޮށްފައިވެއެވެ. ނަމަވެސް އެ މަތިންދާބޯޓް ރާއްޖެ ގެންނާނީ ވައިގެ އަސްކަރިއްޔާއަށް ބޭނުންވާ މީހުން ތަމްރީންވުމަށްފަހު ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. ވައިގެ ޢަސްކަރިއްޔާގެ ޙަރަކާތްތައް ފެށިގެންދިއުމަކީ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތްކުރެއްވުމަށް ލިބިގެންދާ ބޮޑު ބާރެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.

ވައިގެ އަސްކަރިއްޔާގެ ޙަރަކާތްތައް ފެއްޓެވުމަށްޓަކައި، ސަރުކާރުން މިހާރުވެސް ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެއަރބޭސްއެއްގެ ގޮތުގައި ކައްދޫ ވައިގެ ބަނދަރު ވަނީ ހަމަޖައްސަވާފައެވެ. އެ އެއަރޕޯޓް ތަރައްޤީކުރެއްވުމަށްޓަކައި، އިންވެސްޓަރަކު ހޯއްދެވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.