ފ.މަގޫދޫގައި ތަރައްޤީކުރާ އެއަރޕޯޓްގެ ފަޔަރ އިމާރާތަށް ބަޔަކު ގެއްލުންދީ، އެތަނުގައި އަލިފާން ރޯކޮށްލަން މަސައްކަތްކޮށްފަވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެއަރޕޯޓްގެ ފަޔަރ ބިލްޑިންގގެ ވަށައިގެންވާ ބީއްލޫރިތައް ތަޅާލާފަވާކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އިމާރާތުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން، އަލިފާން ރޯކޮށްލުމަށްވެސް މަސައްކަތްކޮށްފަވާކަން ފާހަގަކުރެވިފަވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފަވަނީ މިއަދު ހެނދުނު 07:47ގައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ހުށަހެޅީ މަގޫދޫ ސައިޓްގައި މަސައްކަތްކުރާ އެމްޓީސީސީގެ މުވައްޒަފުންނެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށެވެ.
މަގޫދޫ އެއަރޕޯޓްގެ މަސައްކަތްކަކީ 2022ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ފެށި މަސައްކަތެކެވެ. މަޝްރޫޢުއަކީ %50 މަސައްކަތް މުޅިން ނިމިފައިވާއިރު، އެއަރޕޯޓްގެ ފަޔަރ ބިލްޑިންގް، ރަންވޭ އަދި ޓަރމިނަލްގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިންމާފައެވެ.
އެއަރޕޯޓްގެ މަސައްކަތްތައް މިވަގުތުވެސް ސައިޓްގައި ކުރިއަށްދަކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މަޢުލޫމާތުދެއެވެ. އަދި މިވަގުތުވެސް ސައިޓްގައި އެމްޓީސީސީގެ ވަސީލަތްތަކާ މެޝީނަރީ ގިނައަދަދަކަށް ހުރިކަމަށް އެ ކުންފުނިން ވިދާޅުވެފައެވެ. އެއަޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައްވެސް މިވަގުތުވެސް ކުރިއަށްދާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މަގޫދޫ އެއރަޕޯޓްގެ މަސައްކަތްތައް މިވަގުތަށް މަޑުވެޖިފަވީނަމަވެސް، އެ މަސައްކަތް ހުއްޓާނުލާކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޔަގީންކަން ދެއްވާފަވެއެވެ.
މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމަށް 30 ހެކްޓަރުގެ ބިން އެރަށުން ހިއްކާފަވެއެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ.