ތަރައްްޤީ

އުލިގަމު ކަސްޓަމްސް އޮފީސް 3 މަހުގެތެރޭގައި ނިމޭނެ - ކައުންސިލް


ހއ. އުލިގަމް ފަޅަކީ، ރާއްޖޭގެ ސަރަޙައްދަށް އަންނަ ބޭރު ގިނ ޢަދަދެއްގެ ޔޮޓްފަހަރު ބަނދަރުކުރާ ފަޅެކެވެ. އެ އުޅަނދުފަހަރުން، ޢާންމު ގޮތެއްގައި އެ ރަށަށް މީހުން ފައިބާ އުޅެއެވެ. އަދި އެރަށުން އެމީހުން ބޭނުންވާ އެއްޗެހި ގަނެ އުޅެއެވެ. އެހެންކަމުން އެރަށަކީ ކަސްޓަމްސްގެ ޚިދުމަތް ޤާއިމްކުރެވިފައި އޮންނަންޖެހޭ ރަށަކަށްވާތީ ކުރީއްސުރެ އެރަށުގައި އަންނަނީ ކަސްޓަމްސް އޮފިސަރުން ބައިތިއްބަވަމުންނެވެ. އެހެންނަމަވެސް މިހާތަނަށް އެރަށުގައި ކަސްޓަމްސް ސަރވިސްގެ އަމިއްލަ އޮފީސް ޢިމާރާތެއް ބިނާކުރައްވާފައި ނުވާތީ އެފަދަ ޢިމާރާތެއް ބިނާކުރައްވަން ހަމަޖައްސަވާފައި އެ މަސައްކަތް ވަނީ ކޮންޓްރެކްޓަރަކާ ޙަވާލުކުރައްވާފައެވެ. 

މި މަސައްކަތް އެކަށީގެންވާ ހަލުއި މިނެއްގައި މިހާރު ކުރިޔަށް އެބަގެންދަވައެވެ. ހއ. އުލިގަމުގައި ޢިމާރާތް ކުރައްވަމުން ގެންދަވާ ކަސްޓަމްސް ޢިމާރާތް ނިމި ބޭނުންކުރަން ފެށުމުން އުލިގަމުގައި ކަސްޓަމްސްއިން ދެއްވަމުން ގެންދަވާ ޚިދުމަތް އިތުރަށް ފުޅާވެ، ބޮޑެތި ކުރިއެރުންތަކެއް އެރަށަށް ލިބިގެންދާނެ ކަމަށް އުލިގަމު ކައުންސިލްގެ ރައީސް ޢިމާދު ޢަބްދުﷲ ވިދާޅުވިއެވެ. އަދި ކަސްޓަމްސްގެ ޢިމާރާތެއް އުލިގަމަށް މުހިންމުކަމަށާއި، ކަސްޓަމްސްގެ ދައުރު އުލިގަމުގައި އޮންނަން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށް ޢިމާދު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/6902.jpg|އުލިގަމުގެ ބަނދަރުގައި ޔޮޓެއް ބަނދަރުކޮށްފައި- ފޮޓޯ އުލިގަމް ކައުންސިލް

ޢިމާދު ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފީހެއް ނުވަތަ ޢިމާރާތެއް އުލިގަމުގައި ޤާއިމުކުރެވި ކަސްޓަމްސްގެ ޚިދުމަތް ތަރައްޤީވެގެންދިއުމަކީ އުލިގަމަށްވެސް ލިބިގެންދާ ކުރިއެރުމެއް ކަމަށާއި، ކަސްޓަމްސްގެ ޚިދުމަތް ހޯދާ ބޭރުގެ ފަރާތަކަށްވެސް މި ކަމުގެ ސަބަބަން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. 

ޢިމާދު ވިދާޅުވީ ކުރިއަށްއޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ކަސްޓަމްސް އޮފީހުގެ މަސައްކަތް ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. 

އުލިގަމުގައި މިހާރު ކަސްޓަމްސްގެ ޚިދުމަތް ދެއްވަމުން ގެންދަވަނީ އެމް.އެން.ޑީ.އެފްގެ ޢިމާރާތެއްގައިކަން ފާހަގަކުރައްވަމުން ޢިމާދު ވިދާޅުވީ ކަސްޓަމްސްގެ މި ޢިމާރާތް ނިމިގެންދިއުމުން ކަސްޓަމްސްގެ އެކިއެކި ޙަރަކާތްތައް ހިންގުމަށް ޖާގަތަނަވަސްވެގެން ދާނެކަމަށެވެ. ކަސްޓަމްސް ޢިމާރާތަކީ ޕްރޮޕް ޕްރައިވެޓް ލިމިޑެޑާ ޙަވާލުކުރައްވައިގެން މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.