ޚަބަރު

ހުޅުމާލޭގައި 350 ފްލެޓް ޢިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި


ސީލައިފް ގްލޯބަލް މޯލްޑިވްސްއިން ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ 3000 ފްލެޓްގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ޢިމާރާތްކުރާ އެއްހާސް ފްލެޓްގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 350 ފްލެޓް ޢިމާރާތްކުރުމަށް ސްރީލަންކާގެ ކޮރަލް ހޯލްޑިންގްސްއާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ. 

ދަރުބާރުގޭގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްރީލަންކާގެ ފައިނޭންސް އެންޑް ޕްލޭނިން މިނިސްޓަރވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސީ ލައިފް ގްލޯބަލްއިން ހުޅުމާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 3000 ފްލެޓަކީ، މެދު ފަންތި އާއި މަތީ ފަންތީގެ މީހުންނަށްވެސް އަމާޒުކޮށްފައިވާ ފްލެޓްތަކެކެވެ. 3000 ފްލެޓްގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ޢިމާރާތްކުރުމަށް ހަމެޖެހިފައިވަނީ 1000 ފްލެޓެވެ. މި 1000 ފްލެޓް ޢިމާރާތްކުރަނީ ތިން ބަޔަކަށް ބަހާލައިގެނެވެ. ކޮންމެ ބައެެއްވެސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ވަކި ވަކި ކުންފުނިތަކާ ހަވާލުކޮށްގެނެވެ. އެގޮތުން ކޮރަލް ހޯލްޑިންގްސްއާއެކު ސޮއި ކުރެވިގެންދިޔައީ ފުރަތަމަ ފިޔަވަހީގައި ޢިމާރާތްކުރާ 350 ފްލެޓް ޢިމާރާތްކުރުމަށެވެ. އެއްބަސްވުމުގައިވާ ގޮތުން ސޮއިކުރާ ތާރީޚުން ފެށިގެން 18 މަސްދުވަހުގެ ތެރޭގައި ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ނިންމަންޖެހެއެވެ.

ސޮއިކުރުމަށް ދަރުބާރުގެގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒުއާއި ފީނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރުގެ އިތުރުން ސްރީލަންކާގެ ފިނޭންސް މިނިސްޓަރވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެއްބަސްވުންތަކުގައި ސީލައިފްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މޫސާ މުހައްމަދުއެވެ. އަދި ކޮރަލް ހޯލްޑިންގްސް ފަރާތުން ސޮއި ކުރެއްވީ، މެނޭޖިން ޑިރެކްޓަރ ޑރ އެސް. ޕިރަބަހަރަންއެވެ.