ކުޅިވަރު

ދަނޑުގެ ވިނަ ގަނޑު ރަނގަޅު - ބައްސާމް


މިނިވަން ދުވަހުގެ ހަރަކާތްތަކަށްފަހު ދަނޑުގެ ވިނަގަނޑު ރަނގަޅު ކަމަށް އެފްއޭއެމް އިން ބުނެފިއެވެ. 

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް، ވިދާޅުވީ މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތަކަށް ފަހު ގަލޮޅު ދަނޑުގެ ވިނަގަނޑު މަތީ އަޅާފައިވާ މެޓް ނަގާފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ދުވަސް ތެރޭ މެޗް ކުޅެވޭ ކޮންޑިޝަންއަށް ދަނޑު ގެނެވޭނެ ކަމަށެވެ. 

" މިދިޔަ އަހަރާ އަޅާބަލާއިރު ވިނަގަނޑު ވަރަށް ރަނގަޅު. ރަނގަޅަށް ފެން ޖަހާލާ އެއްވަރުކޮށްފިނަމަ ރަނގަޅު ކޮންޑިޝަނަކަށް ދަނޑު ގެނެވޭނެ" ބައްސާމް ވިދާޅުވިއެވެ.

ލީގުގެ ކުޅުން މެދުކަނާލުމަށްފަހު އަލުން ކުޅުން ފެށުމަށް ތާވަލްކޮށްފައިވަނީ މިމަހުގެ ތިންވަނަ ދުވަހަށެވެ. ބައްސާމް ވިދާޅުވީ ވިނަގަނޑު ކޮންމެވެސް ވަރަކަށް ހަލާކުވެފައިވާ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ މެޗް ކުޅެވޭ ވަރަށް ދަނޑު ބަދަލުކުރެވޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހަށް ދަނޑުގައި މެޓް އެޅުމާ ގުޅިގެން ސީޒަންގެ ބޮޑުބައި ކުޅެން ޖެހުނީ ޓާފް ދަނޑުގައްޔާއި އައްޑޫ ސިޓީގައެވެ. އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން 3ވަނަ ދުވަހު ފެށުމަށް ތާވަލްކޮށްފައިވާއިރު އެދުވަހު ހަވީރު ކުޅޭ މެޗްގައި ވާދަކުރާނީ މާޒިޔާ އަދި ވިކްޓްރީއެވެ.