ކުޅިވަރު

ޚިޔާލު ތަފާތުވެފައިވާ ކުލަބު ވޯލްޑް ކަޕާ މެދު ހިތްހަމަޖެހޭ: ވެންގާ


އެތައް ބައެއްގެ މެދުގައި ބަހުސަކަށްވެފައިވާ ފީފާ ކުލަބު ވޯލްޑް ކަޕަކީ ވަރަށް ރަނގަޅު މުބާރާތެއް ކަމަށާއި، މުބާރާތުގެ ބައިވެރިންގެ ފަރާތުންވެސް ފެނުނީ ރަނގަޅު ރޫހެއް ކަމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ. ވެންގާ މިހެން ބުނެފައިވަނީ މި މުބާރާތާ ގުޅޭގޮތުން ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ނުރުހުން ފާޅުކޮށްފައިވަނިކޮށެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ މުބާރާތާ ގުޅޭގޮތުން ވެންގާ ބުނެފައިވަނީ ކުލަބު ވޯލްޑް ކަޕަކީ ރަނގަޅު މުބާރާތެއް ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރަމުންދާ 32 ޓީމުގެ ފަރާތުން ފެނުނީ ވާދަވެރިކަމާއެކު ކުޅިވަރުގެ ރޫހެއްގައި ވާދަކުރަމުންދިޔަ މަންޒަރު ކަމަށެވެ.

މީގެ ދެ ހަފުތާ ކުރިން ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ލިވަޕޫލްގެ ކުރީގެ ކޯޗު ކްލޮޕް، މި މުބާރާތް ސިފަކޮށްފަވަނީ މިހާތަނަށް ފުޓްބޯޅައިގައި ބަޔަކު ހެދި އެންމެ ބޮޑު ގޯހުގެ ގޮތުގައެވެ. ގަދަ ހޫނުގައި ކުރިއަށްދާ މުބާރާތަކީ އެއްވެސް ހާލެއްގައި ކުރިއަށްގެންގޮސްގެންވާނެ މުބާރާތެއް ނޫން ކަމަށާއި، މިމުބާރާތުގެ ސަބަބުން ކުޅުންތެރިންނަށް އެއްވެސް ފައިދާއެއް ކޮށްފައިނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފީފާގެ ޓެކްނިކަލް ސްޓަޑީ ގްރޫޕުގެ ބައްދަލުވުން މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްދިޔައިރު، ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓުގެ މަގާމުގައި ހުރި ވެންގާ ވަނީ ކްލޮޕް ދައްކާފައިހުރި ވާހަކަތަކާ ގުޅުވާ ރައްދުދީފައެވެ. ވެންގާ ބުނެފައިވަނީ ކޮންމެ މީހަކަށްވެސް ޚިޔާލުފާޅުކުރުމުގެ ހައްގު އޮންނާނެ ކަމަށާއި، އެހެން ނަމަވެސް ކްލޮޕް ދެއްކި ވާހަކަތަކާ ދޭތެރޭ އޭނާގެ ޚިޔާލު މުޅިން ތަފާތު ކަމަށެވެ.

"ޚިޔާލުފާޅުކުރުމުގެ ހައްގު އެންމެންނަށްވެސް އޮންނާނެ. އެކަމަކު މުބާރާތާ ދޭތެރޭ ކްލޮޕް ދެއްކި ވާހަކަތަކާ މެދު އަހަރެންގެ ޚިޔާލު މުޅިން ތަފާތު" ވެންގާ ބުންޏެވެ.

ވެންގާ ބުނީ ކުލަބު ވޯލްޑް ކަޕަކީ މުހިންމު މުބާރާތެއް ކަމަށާއި، މުބާރާތުގައި ވާދަކުރަމުންދާ ކުޅުންތެރިންގެ ޚިޔާލު ހޯދައިފިނަމަ ދެންވެސް މިފަދައިން މިމުބާރާތް ބޭއްވުމަށް ހުރިހާ ކުލަބަކުންވެސް ތާއީދުކުރާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

އަންނަ އާދިއްތަ ދުވަހު ކުލަބު ވޯލްޑް ކަޕުގެ ފައިނަލު މެޗު ކުޅެން ތައްޔާރުވަމުން އަންނައިރު، މި މުބާރާތްވެގެން ގޮސްފައިވަނީ އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގެ ކުރިން ފީފާއަށް ހެދުނު އިމްތިހާނަކަށެވެ. ވެންގާ ބުނީ މިމުބާރާތް ކުރިއަށްދިޔަ ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވުމުން އެއީ ލިބުނު ފިލާވަޅެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި ހޫނު ގަދަވުމުގެ ސަބަބުން ދަނޑުތަކަށް ފެންޖެހުމާއި، މެޗުގެ ތެރެއިން ކޫލިން ބްރޭކު ދީފައިވާނެކަން އޭނާ ފާހަގަކުރިއެވެ.

"ބައެއް މެޗުތަކަށް ހޫނުގެ އަސަރު ވަރަށް ބޮޑަށް ކުރި، އެހެންކަމުން ދަނޑުތަކަށް ފެންޖެހުމާ މެޗުގެ ތެރެއިން ކޫލިން ބްރޭކްސް ދެވިފަވާނެ" ވެންގާ ބުނެފައިވެއެވެ.

ވެންގާ ބުނީ މުބާރާތް ކުރިއަށްދިޔަ ސިޓީތަކުގެ ތެރެއިން އެންމެ ގިނަ ގޮންޖެހުންތައް ދިމާވީ އޯލަންޑޯއިން ކަމަށެވެ. އެހެންނަމަވެސް މުބާރާތް ކުޅެފައިވާ ދަނޑުތަކަކީ ފެންވަރު ރަނގަޅު ތަންތަން ކަމަށް އޭނާ ބުންޏެވެ. އަދި ފިލަޑެލްފިއާގެ ދަނޑުތަކުގެ ވިނަތައް ވަރަށް ރަނގަޅުކަން ފާހަގަކުރެވުނު ކަމަށާއި، އެ ސިޓީއަކީ މީގެ ފަހުން އެމެރިކާގައި ބާއްވާ މުބާރާތްތަކުގެ މައި މަރުކަޒަށް ވެގެންދާނެ ކަމަށް ވެންގާ ބުންޏެވެ.

ވެންގާ ބުނީ ކުރިއަށް އޮތްތަނުގައި ބާއްވާ މުބާރާތްތަކަށް އެޓްލާންޓާ، ޑެލަސް އަދި ލޮސް އެންޖެލެސް ފަދަ މަތި ހިޔާކޮށްފައިވާ ދަނޑުތައް ހިމެނޭ ސިޓީތަކަށް އިސްކަންދޭނެ ކަމަށެވެ. އޭނާ ބުނީ ހޫނުގެ ސަބަބުން ކުޅުންތެރިންނަށް ކުރި އަސަރު ދެނެގަތުމަށް ފީފާއިން ދިރާސާއެއްކޮށްފައިވާ ކަމަށާއި، އެ ދިރާސާއިން ދެއްކިގޮތުގައި ގަދަ ހޫނުގެ ސަބަބުން ކުޅުންތެރިންގެ ދުވެއްޔަށާއި ބުންވަރަށް އަސަރު ކޮށްފައިވާ ކަމަށެވެ.

"ދެން އޮންނަ މުބާރާތެއްގައި މިމައްސަލަ ދިމާނުވާނެކަމުގެ ޔަގީންކަން ދެން. މިފަދަ ފިލާވަޅުތަކުން އިބުރަތް ލިބިގަނެ ފުޓުބޯޅައަށް އަބަދުވެސް ރަނގަޅު ގޮތްތައް ހޯދައިދިނުމަށް އަހަރެމެން މިމަސައްކަތްކުރަނީ" ވެންގާ ބުންޏެވެ.

ކުލަބު ވޯލްޑް ކަޕުގެ ފައިނަލުގައި އަންނަ އާދީއްތަ ދުވަހުގެރޭ ޕީއެސްޖީ އާއި ޗެލްސީ ވާދަކުރަން ތައްޔާރުވަމުން އަންނަ މެޗު ކުޅޭނީ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ.