އިންޓަނޭޝަނަލް ސޮކަރ އެކަޑަމީއިން މިހާރު ރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުތަކާއެކު ކުޅޭ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކަކީ ވެސްޓަރން އޮސްޓްރޭލިއާ މޯލްޑިވިއަން އެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ހިންގާ ޕްރޮގްމެއްގެ ދަށުން ކުރިޔަށް ގެންދާ މެޗުތަކެއް ކަމަށް ވެސްޓަރން އޮސްޓްރޭލިއާ މޯލްޑިވިއަން އެސޯސިއޭޝަނުގެ ޗެއާޕާސަން އަހުމަދު ޝުހާދު ވިދާޅުވެއްޖެއެވެ.
އެ އެސޯސިއޭޝަނާއި މޯލްޑިވްސް ސޮކާ މޭޓްސް ގުޅިގެން އެފްއޭއެމާއި ކުޅިވަރު ވުޒާރާގެ އެހީތެރިކަމާއެކު ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދާ މި ފުޓްބޯޅަ މެޗުތަކުގެ އިތުރުން އިންޓަނޭޝަނަލް ސޮކަރ އެކަޑަމީ (އައެސްއޭ) އިން ކުޑަކުދިންނަށް ހާއްސަ ކޭމްޕެއް ވިލިމާލޭގައި މިއަދު ބާއްވާނެ ކަމަށާއި، ކޯޗުންނަށް ހާއްސަ ޕްރޮގްރާމެއްވެސް ހިންގާނެ ކަމަށް ޝުހާދު ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ މި އެކަޑަމީގެ ކުދިން މާލޭ ގެނެސް ދިވެހި ކުދިންނާއެކު މެޗުތަކެއް ކުޅުމަށް ރޭވުމުގެ އެންމެ މުހިންމު ބޭނުމަކީ ވެސްޓަރން އޮސްޓްރޭލިއާ މޯލްޑިވިއަން އެސޯސިއޭޝަނުން އޮސްޓްރޭލިއާގައި އޮތްކަން އަންގައިދިނުން ކަމަށާއި، އެކޮޅުގައި ތިބި ދިވެހި ކިޔަވާކުދިންނާއި އަދި ރާއްޖެއިން އޮސްޓްރޭލިއާއަށް ދާން ތިބި ކިޔަވާ ކުދިންނަށް އެ ޖަމްއިއްޔާގެ އެހީތެރިކަން ލިބޭނެކަމަށް ޝުހާދު ވިދާޅުވިއެވެ.
މިއީ ފުލުހުން، އިމިގްރޭޝަން، އެމްއެމްޕީއާރްސީ އަދި ކަސްޓަމް ފަދަ ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކާއި ރާއްޖޭގެ ބައެއް އެސޯސިއޭޝަންތަކާއި ގުޅިގެން އެ ފަރާތްތަކުގެ އެއްބާރުލުމާއެކުގައިކުރިޔަށް ގެންދާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޒުވާން ކުޅުންތެރިންނާއެކު މެޗުތަކެއް ކުޅުމަށް ރާވާ މިފަދަ ހަރަކާތެއް އިންތިޒާމުކުރުމަކީ އޮސްޓްރޭލިއާ އާއިއެކު ގުޅުން ބަދަހިކުރުން ކަމަށް ޝުހާދު ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭނެ ފައިދާއަކީ އޮސްޓްރޭލިއާއަށްދާ ދިވެހިންނަށް އިތުރު ފުރުސަތު ފަހިވެ އެކި ކަންކަމުގައި އެހީތެރިކަންލިބި އޮސްޓްރޭލިއާގައި ދިރިއުޅެން ފަސޭހަވުން ކަމަށް ޝުހާދު ފާހަގަކުރިއެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ އެކަޑަމީތަކާއި ކުލަބުތަކުން ތަޖްރިބަ ހޯދުމުގެ ގޮތުން އޮސްޓްރޭލިއާއަށްގޮސް ފުޓްބޯޅަ މެޗުތަށް ކުޅުމުގެ ފުރުސަތު ފަހިވާނެ ކަމަށް އޭނާ ފާހަގަ ކުރިއެވެ.
ޝުހާދު ވިދާޅުވީ އައިއެސްއޭގެ ފަރާތުން ކޮންމެ އަހަރަކު ރާއްޖެ އައުމަށް ވިސްނަމުންދާ ކަމަށެވެ.
"އައިއެސްއޭއިން އެބަ ވިސްނާ ކޮންމެ އަހަރު ރާއްޖެ އައުމަށް، އެމީހުންގެ ޓީމެއް މި ކޮޅަށް އައިސް މިކޮޅުގެ ޓީމެއް އެކޮޅަށް ގެންދިއުމުގެ ވިސްނުން އެ ހުރީ އެހެންވީމަ އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު ބޭނުމަކީ" ވިދާޅުވިއެވެ.
އައިއެސްއޭއިން ވަނީ ރާއްޖެ ވެލެންސިއާ އާއި މާޒިޔާ އަދި އެމްއެސް ސޮޓާ މޭޓްސްގެ ޓީމުތަކާއިއެކު މެޗުތަކެއް ކުޅެފައެވެ. ވެލެސިއާ އަތުން 3-0 ބަލިވެ، މާޒިޔާ އަތުން 2-0 ބަލިވި އިރު އައިއެސްއޭ އިއްޔެ ހަވީރު އެމްއެސް މޭޓްއާއި ދެކޮޅަށް ކުޅުނު މެޗު ވަނީ 3-0 ން ކާމިޔާބުކޮށްފައެވެ.
އައިއެސްއޭއިން އަންނަ ހުކުރު ދުވަހު ބައްދަލުކުރާނީ ރާއްޖޭގެ ޒުވާން ގައުމީ ޓީމާއެވެ. އެމެޗު އޮންނާނީ ހުކުރުދުވަހު ހަވީރު ގަލޮޅު ދަނޑުގައެވެ.