ޚަބަރު

ހިންމަފުށިން ކޮންމެ އަހަރަކުވެސް އެކަކަށް ހައްޖަށް ދެވޭނެ!


ކޮންމެ އަހަރަކުވެސް، ހިންމަފުށީގެ ކޮންމެވެސް އެކަކަށް ޙައްޖުދަތުރެއް ދެއްވުމަށް އެރަށު ކައުންސިލުން ނިންމަވައި، ކައުންސިލުގެ ޙައްޖުދަތުރަށް އެދުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ.ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ހިންމަފުށީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ ހުޞައިން ޢަބުދުއްރަޙްމާން ވިދާޅުވީ މިއީ ރައްޔިތުންގެ މެދުގައި ދީނީ ރޫޙް އާލާކުރެއްވުމުގެ މަޤްޞަދުގައި ކައުންސިލުން ކުރައްވަން ނިންމެވި ކަމެއްކަމަށެވެ.ކައުންސިލުން ވިދާޅުވީ ފުރަތަމަ ޙައްޖުދަތުރު ދެއްވާނީ 1438ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްކަމަށެވެ. މިކަމަށްޓަކައި މިހާރު އެކުލަވާލައްވާފައިވާ އުޞޫލުގައި މިކަމަށް ކަނޑައަޅުއްވާފައިވާ ޝަރުޠުތަކުގެ ތެރޭގައި، ހިންމަފުށީގެ ރަށްވެއްސަކަށްވުމާއި، މީގެކުރިން ފަރުޟު ޙައްޖެއް އަދާކޮށްފައިނުވުމާއި، ފިރިހެނެއްނަމަ 40 އަހަރުފުރިހަމަ ވެފައިވުމާއި، އަންހެނެއްނަމަ 45 އަހަރުވެފައި ވުން ހިމެނެއެވެ. އަދި މިފަދަ ފަރުޟެއް އަދާކުރެވޭ ވަރުގެ ޞިއްޙަތެއްގައިވާ މީހަކަށްވުމަކީވެސް މިކަމަށް ކަނޑައަޅުއްވާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަމަށް އެދި ހުށައަޅާ އަންހެނުންގެ ޝަރުތު ހަމަވާ  ޢުމުރު މަތިކުރައްވާފައިވަނީ މަޙްރަމަކާ ނުލައި ދާގޮތަށް ހަމަޖެއްސުމަށްކަމަށް ހިންމަފުށީ ކައުންސިލުން ވިދާޅުވެއެވެ.ކައުންސިލުން ވިދާޅުވީ ޙައްޖުދަތުރު ދެއްވާނެ ފަރާތެއް ކަނޑައަޅުއްވާނީ މިކަމަށް އެދި ހުށައަޅާ، ޝަރުޠުހަމަވާ މީހުންގެ މެދުގައި ޤުރުއަތު ނަންގަވައިގެންކަމަށާއި ޤުރުއަތު ނެންގެވުން ކުރިޔަށް އޮތް ޙައްޖުދުވަހު ބާއްވަވާނެކަމަށެވެ.ހިންމަފުށީ ކައުންސިލުން ދެއްވާ ޙައްޖުދަތުރުގައި، ހައްޖުކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާއާއި، ދަތުރުގެ ޚަރަދާއި، ބޭސްފަރުވާގެ ޚަރަދު ކައުންސިލުން ދެއްވާނެކަމަށް އެކައުންސިލުން ވިދާޅުވެއެވެ.ހިންމަފުށި ކައުންސިލުން ވަނީ އޯލެވެލް ހުރިހާ ނަތީޖާއަކުން ފާސްވާ ކޮންމެ ކުއްޖަކަށް 50000 ރުފިޔާ ދިނުމަށްވެސް ނިންމަވާފައެވެ.