ޚަބަރު

"މޯލްޑިވްސް ޓައެކްވޮންޑޯ ކިޔުރުގީ ޗެމްޕިއަންޝިޕް" ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވަނީ


މޯލްޑިވްސް ޓައެކްވޮންޑޯގެ ފަރާތުން އިންތިޒާމުކުރާ "މޯލްޑިވްސް ޓައެކްވޮންޑޯ ކިޔުރުގީ ޗެމްޕިއަންޝިޕް" މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮންނާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް ޓައެކްވޮންޑޯގެ ފަރާތުން ކުރިއަށްގެންދާ އެކިއެކި ހަރާކާތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެއްވަމުން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިބްރާހީމް ޒުހައިރު ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިވެސް މާލޭގައި ޓައެކްވޮންޑޯ މުބާރާތެއް ކުރިއަށްގެންދިޔަ ކަމަށެވެ. އޭގެ އިތުރުން މިދިޔަ މޭމަހުގެ ތެރޭގައި އައްޑޫ ސިޓީގައިވެސް މުބާރާތެއް ކުރިއަށްގެންގޮސްފައިވާކަމަށް ޒުހައިރު ވަނީ ފާހަގަކުރައްވާފައެވެ.

"މިއަހަރުގެ ޖެނުއަރީމަހު އަޅުގަނޑުމެން ޓައެކްވޮންޑޯ މުބާރާތެއް ނިންމާލައިފިން މާލޭގަ، ދެން އަދި މިދިޔަމަހު އައްޑޫގައި ވެސް މުބާރާތެއް އަޅުގަނޑުމެން ނިންމާލައިފިން. ދެން މިއަހަރު އަދި އިންނާނެ ސެޕްޓެމްބަރު މަހު މާލޭގައި ފައިޓިން ޓައެކްވޮންޑޯ މުބާރާތެއް. އޭހެ މައުލޫމާތު އަޅުގަނޑުމެން ފަހުން ހިއްސާކޮށްލާނަން. ދެން މިވަގުތު އެކުދިން ތައްޔާރުވަމުން އެދަނީ ސެޕްޓެމްބަރުމަހު އޮންނަ ޓޯނަމެންޓަށް" ޒުހައިރު ވިދާޅުވިއެވެ.

މޯލްޑިވްސް ޓައެކްވޮންޑޯގެ ފަރާތުން ގިނަ މުބާރާތްތަކެއް މިހާތަނަށް ބާއްވާފައިވާއިރު އާންމުކޮށް މުބާރާތްތައް ކުރިއަށްދަނީ ސްކޫލުތަކުގައިކަމަށް ޒުހައިރުވަނީ މައުލޫމާތުދެއްވާފައެވެ. ޓައެކްވޮންޑޯއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޝާކްސް އެކެޑެމީގައި ވަރަށް ތުއްތުކުދިންވެސް ބައިވެރިވަމުން އަންނައިރު، ކުރިއަށް އޮތް މުބާރާތުގައި އުމުރުން ހަތަރު އަހަރުގެ ކުދިންވެސް ވާދަކުރާނެކަމަށް ޒުހައިރުވަނީ މައުލޫމާތުދެއްވާފައެވެ. މިގޮތުން މުބާރާތުގައި ކުދިން ވާދަކުރާނީ އެކުއްޖެއްގެ ބެލްޓު ހިމެނޭ ކެޓެގެރީންކަމަށް ޒުހައިރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އުޅޭނެ އުމުރުން ހަރަތު އަހަރުން ފެށިގެން ކުދިން. ދެން ހުންނާނީ އެކި އޭޖްތަކަށް ބެލްޓު، އެކި ރޭންކަށް ބަހާފަ މުބާރާތުގައި ފައިޓްކުރާނެ. އެކި ވެއިޓް ކެޓެގެރީގައި. އެކުއްޖެއް ފައިޓްކުރާނީ އެކުއްޖެއްގެ ވެއިޓް ކެޓެގެރީގަ" ޒުހައިރު ވިދާޅުވެފަވެއެވެ.

މިދިޔަމަހު އައްޑޫގައި ނިމިގެންދިޔަ މުބާރާތާ ގުޅޭގޮތުން ޒުހައިރު ވިދާޅުވީ އެމުބާރާތަށް އައްޑޫއިން ލިބުނު ތަރުހީބު ބޮޑުކަމަށެވެ. ގާތްގަނޑަކަށް 70 ވަރަކަށް ކުދިން އެބާރާތުގައި ވާދަކުރިކަމަށާ އެކި އުމުރުފުރާތަކުގެ ކުދިން އެމުބާރާތުން ފެނުނުއިރު މުބާރާތް ނިމިގެންދިޔައީ ވަރަށް ފުރިހަމައަށްކަމަށް އޭނާ ވިދާޅުވިއެވެ.