ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޮޓާ މަރުވި ހާދިސާ ހިނގީ މާ ބާރަށް ކާރު ދުއްވުމުން ކަމަށް ސްޕެއިން ފުލުހުން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސްޕޭނުގެ ޒަމޯރާގައި ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ މަރުވީ އެ ދެ މީހުން ދުއްވި ކާރުގެ އެހެން ވެހިކަލެއް އޯވަޓޭކް ކުރަން އުޅެނިކޮށް ފުރޮޅު ހަލާކުވެ ވި އެކްސިޑެންޓެއްގައި ކާރުގައި ރޯވެގެންނެވެ. ސްޕޭނުގެ ފުލުހުން ބުނީ މިހާތަނަށް ކުރި ޓެސްޓްތަކުން ޔަގީން ވަނީ ދުއްވަން ޖެހޭ ވަރަށް ވުރެ ބާރަށް ކާރު ދުއްވާފައިވާ ކަމަށެވެ. މިކަން ދެނެގަނެވުނީ މަގުމަތީގައި ހުރި ނިޝާންތަކުންނާއި އެ ދެ މީހުން ދުއްވި ލަމްބޯގިނީ ކާރުގެ ފުރޮޅުގެ ބައިތަކުން ކަމަށެވެ.
ފުލުހުންނާ ހަވާލާދީފައިވާ ބައެއް ރިޕޯޓްތަކުން ބުނަނީ ކާރު އެކްސިޑެންޓްވިއިރު ދުއްވަން އިނީ 28 އަހަރުގެ ޖޮޓާ ކަމަށެވެ. ނަމަވެސް މިކަން މުޅިން ކަށަވަރެއް ނުވެ އެވެ.
ސްޕޭނުގެ ފުލުހުން ބުނެފައިވަނީ ޖޮޓާގެ މަރުގެ ހަގީގަތް ދެނެގަތުމަށް ހަދަމުންދާ އޮޓޮޕްސީ ރިޕޯޓް މުޅިން ނިމޭނީ އަދި ދުވަސްކޮޅެއް ފަހުން ކަމަށެވެ.
އޭނާ މަރުވިއިރު ތިން ކުދިންނާއި އަންބަކު ތިއްބެވެ. ކައިވެނިކުރީ މީގެ ދެ ހަފުތާ ކުރިންނެވެ. ޖޮޓާގެ ޖަނާޒާ ބާއްވާފައިވަނީ އޭނާގެ އުފަން ގައުމު ޕޯޗުގަލް އަށް ހަށިގަނޑު ގެންގޮސްގެންނެވެ.
މި މަރުގެ ހާދިސާއާ ގުޅިގެން ލިވަޕޫލްގެ ފަރިތަކުރުންތައް ވެސް ވަނީ ފަސްކޮށްފަ އެވެ. ނަމަވެސް މި ހަފުތާގައި އަންނަ ސީޒަނަށް ތައްޔާރުވާން ފަށަން ވަނީ ނިންމާފަ އެވެ.
ޖޮޓާ ކާރުގައި ޕޯޗުގަލްއިން ސްޕޭނަށް ދަތުރު ކުރީ އޭނާ ކުރި ކުޑަ އޮޕަރޭޝަނަލކަށް ފަހު ފްލައިޓް ދަތުރު ކުރުން ޑޮކްޓަރުން މަނާކޮށްފައި އޮތުމުންނެވެ. އޭނާ މަސައްކަތް ކުރީ ސްޕޭނުން ފުރައިގެން އިނގިރޭސިވިލާތުގެ ލަންޑަނަށް ދިއުމަށް އެތަނުން ލިވަޕޫލަށް ދަތުރު ކުރުމަށެވެ.