ކުޅިވަރު

ފްރާންސް މެޗުގެ ކުރިން ވޭލްސް ޓީމުގެ ބަސް އެކްސިޑެންޓުވެއްޖެ


އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މާދަމާ ފްރާންސާ ދެކޮޅަށް ކުޅެން ތައްޔާރުވަނިކޮށް ވޭލްސް ޓީމު ދަތުރުކުރި ބަސް އެކްސިޑެންޓުވެއްޖެއެވެ.

ވޭލްސް ޓީމުން ބުނީ ބަސް އެކްސިޑެންޓްވީ އަންގާރަ ދުވަހު ފަރިތަކުރުންތަކަށް ދިއުމަށް ދުއްވަމުން ދަނިކޮށް ކަމަށެވެ. މި ހާދިސާ ހިނގުމުން ޕްރެކްޓިސް ނުބާއްވަން ނިންމީ ކަމަށެވެ. އަދި ބަހުގައި ތިބި އޮފިޝަލުންނާއި އެއްވެސް ކުޅުންތެރިއަކަށް ވެސް އަނިޔާ އެއް ނުވާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު ކޯޗު ރިއަން ވިލްކިންސަން އާއި ކެޕްޓަން ޖޭމްސް ދަތުރު ކުރަމުން ދިޔައީ ވަކިން ކާރެއްގަ އެވެ. ނަމަވެސް ވިލްކިންސަން ބުނީ އެންމެ މުހިންމު ކަމަކީ ކުޅުންތެރިންގެ ސަލާމަތްކަން ކަމަށާއި ޕްރެކްޓިސް ނުބާއްވަން ނިންމީ އެންމެނަށް ވެސް ލިބުނު ހައިރާން ކަމުގެ ސަބަބުން ކަމަށެވެ.

ސްވިޒަލޭންޑްގައި މިހާރު ކުރިއަށް ދާ މުބާރާތުގައި މި ދެ ޓީމު ކުޅޭ މެޗަކީ ވޭލްސް އަށް ވަރަށް މުހިންމު މެޗެކެވެ. މެޗުން މޮޅުވެގެން ނޫނީ އެ ގައުމަށް މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭކަށް ނެތެވެ. އެއީ ފުރަތަމަ މެޗުގައި ނެދަލޭންޑްސް އަތުން 3-0އިން ބަލިވުމުންނެވެ.

މުބާރާތުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުން މޮޅުވީ އިނގިރޭސިން އަތުން 2-1އިންނެވެ. މިހެންވެ ގްރޫޕުގެ ކުރީގައި ވަނީ ތިން ޕޮއިންޓާއެކު ނެދަލޭންޑްސް އާއި ފްރާންސެވެ. އިނގިރޭސިންނާއި ވޭލްސް އަށް ޕޮއިންޓެއް ނުލިބެ އެވެ.