ޚަބަރު

ސްޓެލްކޯ ފިފްތު ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އިފްތިތާޙްކޮށްފި


މާލޭ ސަރަޙައްދުގެ ކަރަންޓު ވިއުގަ ތަރައްޤީކުރުމަށް ސަރުކާރުން ފަށްޓަވާ "ސްޓެލްކޯ ފިފްތު ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އިފްތިތާޙުކުރައްވައިފިއެވެ. ސަތޭކަ ހަތަރު މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރައްވައިގެން ހިންގަވާ ސްޓެލްކޯގެ ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ބިންގާ އަޅުއްވައިދެއްވީ ހުޅުމާލޭގައި މިކަމަށްޓަކާ ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ ޗައިނާގެ ޑޮންގ ފަންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއެވެ. 

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ ހުޅުމާލޭގައި ޤާއިމުކުރައްވާ ފަންސާސް މެގަވޮޓްގެ މިޖަނަރޭޓަރު ސިސްޓަމަކީ ރާއްޖޭގައި ޤާއިމުކުރެވޭ އެންމެބޮޑު ޖަނަރޭޓަރު ސިސްޓަމްކަމަށެވެ. އަދި ހަކަތައިގެ ދާއިރާގެ މިހާ ބޮޑު ޕްރޮޖެކްޓެއް ރާއްޖޭގައި މިހާތަނަށް ހިންގަވާފައި ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14699788253512.jpg|އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް - ފޮޓޯ: ރައީސް އޮފީސް

މިރަސްމިއްޔާތުގައި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންފޫކާން ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެވެސް ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ކުރަމުންދާ މަސައްކަތުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި މިފަދަ ކަންކަމުގައި ގުޅުން އިތުރަށް ބަދަހިވެ، މިފަދަ ޕްރޮޖެކްޓްތައް އިތުރުވެ، ދެޤައުމަށްވެސް އެކަންކަމުގެ މަންފާލިބުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.މި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރ ޑޮންގ ފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއި އަދި ޑޮންގް ފަންގ އިލެކްޓްރިކް ކޯޕަރޭޝަނުގެ އިސްވެރިން ވާހަކަ ދެއްކެވިއެވެ.

މިރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބުދުއްޝަކޫރު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި މިހާތަނަށް އެޅޭ އެންމެ މަތީ ކޭވީއޭގެ ކޭބަލް އެޅޭނީ މިމަޝްރޫއުގެ ދަށުން ޗައިނާ މޯލްޑިވްސް ބްރިޖްގެ ތެރެއިން މާލެއާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅާލުމުގެ ތެރެއިންކަން ފާހަގަކުރެއްވިއެވެ. އަދި މި ކޭބަލް އެޅި، މިސަރަޙައްދުގެ ކަރަންޓްގެ ވިއުގަ ގުޅާލެވެމުން، މާލެ ސަރަޙައްދުގެ ކަރަންޓްގެ ނިޒާމްގެ ފެންވަރު ވަރަށް ބޮޑަށް މަތިކުރެވިގެންދާނެކަން ފާހަގަކުރެއްވިއެވެ.

ސްޓެލްކޯގެ ފިފްތް ޕަވަރ ޕްރެޖެކްޓްގެ ދަށުން ހުޅުމާލޭގައި ޤާއިމުކުރައްވާ މި ޕަވަރ ހައުސްއަކީ ޗައިނާގެ އެގްޒިމް ބޭންކާއި ޗައިނީޒް ބޭންކްގެ ލޯނުގެ އެހީއާއި ކޮންޓްރެކްޓަރުގެ އެހީގައި ކުރިޔަށް ގެންދެވޭ ޕްރޮޖެކްޓެކެވެ.