ދުނިޔެ

ތުރުކީގައި ރައީސަށް ފުރައްސާރަކުރުމުގެ ދައުވާ އުފުލާފައިވާ މީހުން


ތުރުކީވިލާތުގެ ރައީސަށް އިހާނެތިކޮށް، ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ހުރިހާ މީހުންގެ މައްސަލަތައް އަނބުރައި ގެނެސް އެ މައްސަލަތަކަށް ދައުވާ ނުކުރުމަށް ނިންމާފައިވާކަން ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ހާމަކުރައްވައިފިއެވެ. އަންކަރާގައި ދެއްވި ބަޔާނެއްގައި އުރުދުޣާން ވިދާޅުވީ މިގޮތަށް ނިންމެވީ ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި ބަޣާވާތް ނާކާމިޔާބު ވުމާގުޅިގެން ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކުގެ ރޫޙު އާލާ ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ތުރުކީވިލާތުގެ ޤާނޫނު ބުނާގޮތުން އެޤައުމުގެ ރައީސަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުންފަދަ އިހާނަތްތެރި ކަންކަން ކުރުމުގެ ޢަމަލުތަކާއި ހަރަކާތްތައް ހިންގުމަކީ އެކަމަށް އަބަދުދެވޭ ކުށެކެވެ. ރައީސަށް އިހާނަތްކުރާކަން ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ މައްޗަށް މަދުވެގެން 4 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިޤާނޫނާ އެއްގޮތަށް ޢަމަލުކުރަނީ ނިސްބަތުން މަދުފަހަރެއްގައި ނަމަވެސް ތުރުކީވިލާތުގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނަށް އިހާނާތްކުރުމުގެ ތުހުމަތުގައި ބައެއް މީހުންގެ މައްސަލަ ދައުލަތުންވަނީ ޝަރީއަތަށް ފޮނުވާފައެވެ.

މިފަދަ މީހުންގެ ތެރޭގައި ނޫސްވެރިންނާއި ކާޓޫން ކުރެހުންތެރިންނާއި އެކަޑަމިކުންނާއި އަދި ސްކޫލްތަކުގެ ބައެއް ދަރިވަރުންވެސް ހިމެނެއެވެ. އުރުދުޣާން ވިދާޅުވީ ޤައުމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ނާކާމިޔާބު ބަޣާވާތުގެ މައްސަލަ ކަމަށާއި، ބަޣާވާތް ގެނައުމަށް ކުރި މަސައްކަތާއި ގުޅިގެން ޤައުމުގެ އަފްރާދުންގެ އެއްބައިވަންތަކަމާއި ވަޙްދަތަށް ލޮޅުން އަރާފައިވާތީ އެކަމާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އޭނާއަށް އިހާނެތިކޮށް ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ހުރިހާ މީހުންގެ މައްސަލަތައް އަނބުރައިގެނެސް އެމައްސަލަތަކުގައި ދެން ދައުވާ ނުކުރުމަށް ނިންމެވީ ޤައުމުގެ ރައްޔިތުންނާއި އަފްރާދުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކުގެ ރޫޙު އާލާކޮށް ދެކޮޅުވެރިކަމާއި އިދިކީލިކަމުގެ ރޫޙު ނައްތާލުމުގެ މަޤްޞަދުގައި ކަމަށް އުރުދުޣާން ވިދާޅުވިއެވެ. އަނެއްކޮޅުން ނާކާމިޔާބު ބަޣާވާތާ ގުޅިގެން ހައްޔަރުކުރި ސިފައިންގެ އެތައް ހާސް ބައެއްގެ ތެރެއިން 750 މީހުން ހޮނިހިރު ދުވަހު ވަނީ މިނިވަން ކޮށްފައެވެ.

މިނިވަންކުރި މީހުންނަކީ ބަޣާވާތާ ގުޅުންހުރިކަމުގެ ހެކިތައް ފެންނަން ނެތްމީހުން ކަމަށް ތުރުކީވިލާތުގެ މީޑިޔާއިން ބުނެއެވެ. ބަޣާވާތާ ގުޅިގެން ހައްޔަރުކުރި މީހުންނާއި ވަޒީފާއިން ވަކިކުރި މީހުންގެ އަދަދު 60،000 އަށްވުރެ އިތުރުވެފައިވާއިރު މީގެތެރޭގައި ގިނައީ ސިފައިންނާއި ފުލުހުންނެވެ. ބަޣާވާތާ ގުޅިގެން ހައްޔަރު ކުރި މީހުންގެ މައްސަލަތައް ބެލުމަށްފަހު އެކަމާގުޅުންވާކަމުގެ ހެކިތައް ނުފެންނަ މީހުން މިނިވަން ކުރާނެކަމަށް ރައީސް އުރުދުޣާން ކުރިންވެސްވަނީ ވިދާޅުވެފައެވެ. މިއާއެކު ބަޣާވާތާ ގުޅުންވާކަމުގެ ހެކިތައް ފެންނަ މީހުންގެ މައްސަލަތައް ޝަރީއަތަށް ފޮނުވައި އެ ފަރާތްތަކަށް ގާނޫނުގައި ބުނާ އެންމެ ބޮޑެތި އަދަބުތައް ދެނޭކަމުގެ އިންޒާރުވެސް އުރުދުޣާންވަނީ ދެއްވާފައެވެ.