ދުނިޔެ

ސުލްޙައިގެ ލަޝްކަރުތައް ދެކުނު ސޫދާނުގައި މަޑުކުރަނީ


ދެކުނު ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ވަރުގަދަވަމުންދާތީ އދ.ގެ ސުލްޙައިގެ ލަޝްކަރުތައް އެޤައުމުގައި ތިބޭ މުއްދަތު އިތުރުކުރުމަށް އދ.ން ނިންމައިފިއެވެ.

މިކަމާބެހޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހުގައި ކުރި މަޝްވަރާތަކަށްފަހު އެ މަޖަލީހުގައި ހިމެނޭ 15 މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ އަންނަ އޮގަސްޓް 15އާ ހަމައަށް އދ. ގެ ސުލްޙައިގެ ލަޝްކަރުތައް އެޤައުމުގައި ބޭތިއްބުމަށެވެ. ކުރިން އދ. ގެ ސަލާމަތީ މަޖިލީހުން ނިންމާފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު އދ. ގެ ސުލްޙައިގެ ލަޝްކަރުތައް ދެކުނު ސޫދާނުން ބޭލުމަށެވެ.

ދެކުނު ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް 2 އަހަރު ވެފައިވާއިރު އެ ހަނގުރާމައިގެ މައިދާނަކަށް ވެރިރަށް ޖޫބާވެސް މިހާރުވަނީ ވެފައެވެ. ހަނގުރާމަ ހިނގަމުންދަނީ ރައީސް ސަލްވާކީރު އަށް ތާއީދުކުރާ ބާރުތަކާއި ނައިބު ރައީސް ކަމުން ވަކިކޮށްފައިވާ ރިކް މުޝާރަށް ވަފާތެރި ހަނގުރާމަވެރިންނާ ދެމެދުއެވެ. މި ހަނގުރާމަ ހުއްޓާލުމަށް އެދެބޭފުޅުން ހަނގުރާމަވެރިންނަށް އިލްތިމާސް ކުރައްވާފައިވީ ނަމަވެސް ވެރިރަށް ޖޫބާއަށް ހިމޭންކަން ނާންނަކަމަށް ޚަބަރުތައް ބުނެއެވެ.