ޚަބަރު

ކުށްކުރާ ކުޑަކުދިން އިސްލާޙުކުރުމަށް ކުރިޔަށްގެންދަވާ ޕްރޮގްރާމް


ކުށްކުރާ ކުޑަކުދިން އިސްލާޙުކުރުމަށް ދ.ވާނީގައި ކުރިއަށްގެންދަވާ ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ފުރަތަމަ ފިޔަވަހި ނިންމަވާލައްވައިފިއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ފުލުހުންނާއި، އަދިވެސް ސަރުކާރުގެ ކަމާގުޅޭ ގިނަ އިދާރާތަކުގެ އެއްބާރުލުމާއެކު ކުރިއަށްގެންދަވާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 20 ކުޑަކުއްޖަކު, ދ.ވާނީގައި ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. "އުންމީދު - ފަހިމާދަމާއަށް" މި ނަމުގައި ކުރިއަށްގެންދަވާ މި ޕްރޮގްރާމަކީ ފަހުގެ ތާރީޚެއްގައި ޤައުމީފެންވަރުގައި ކުރިއަށްގެންދަވާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

ކުށްކުރާ ކުޑަކުދިން އިސްލާޙުކޮށް، އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރިއަށްގެންދަވާ "އުންމީދު-ފަހިމާދަމާއަށް" ޕްރޮގްރާމަކީ، 3 ފިޔަވައްސަކަށް ބަހާލައިފައިވާ ފްރޮގްރާމެކެވެ. ފަށާ މަރުހަލާގައި ހިމެނެނީ، ކޮންމެ ކުއްޖަކީވެސް ތަފާތު އަދި މުޖުތަމަޢަށް މުހިއްމު ކުއްޖެއް ކަމާއި އަދި ކޮންމެ ކުއްޖަކަށްވެސް ޤައުމަށް ފައިދާހުރި ކުއްޖަކަށް ވެވޭނީ ރިވެތި އަޚްލާޤު ހުރި ކުއްޖަކަށް ވެގެންކަން ކުދިންނަށް އިޙްސާސް ކޮށްދިނުމެވެ. ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގައި ކުދިން މަސައްކަތުގެ މައިދާނުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީން ދެވިގެންދާނެއެވެ. އަދި 3 ވަނަ ފިޔަވަހީގައި ކުދިންގެ ޝައުޤުވެރިކަމާއި ހުނަރު ހުރި ދާއިރާއަކުން ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން ދ.ވާނީގައި ކުރިއަށްގެންދަވާ ފަށާ މަރުހަލާގެ ފިޔަވަހި ކުރިއަށްގެންދަވަނީ، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ފުލުހުންނާއި، ސިފައިންނާއި، ކަރެކްޝަނަލް ސާރވިސް ގުޅިގެންނެވެ. img:http://s1.psmnews.mv/images/660x400/14699470919548.jpg|ކުށްކުރާ ކުދިން އިސްލާޙުކުރުމަށް ދ. ވާނީގައި ހިންގަވާ ޕްރޮގްރާމް - ފޮޓޯ: ޕީއެސްއެމް ނިއުސް

މި ފިޔަވަހި ނިންމާލުމުގެ ގޮތުން، ވާނީގައި އިއްޔެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވަވާފައިވެއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެ، ރިހިބިލިޓޭޓް ވަމުންދާ 20 ކުދިންނާއި ބައްދަލުކުރުމުގެ ފުރުޞަތު، އެކުދިންގެ ޢާއިލާތަކަށް ލިބިފައިވެއެވެ. އަދި ފާއިތުވި، 5 މަހުގެ ތެރޭގައި ކުދިން އުޅުމަށް އައިސްފައިވާ ބަދަލުތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމާއި، ވާނީގައި އެކުދިންނަށް ހަމަޖައްސަވާފައިހުރި އިންތިޒާމްތައް ވަނީ ބެލެނިވެރިންނަށް ދައްކާލާފައެވެ.

ބެލެނިވެރިން އެ ކުދިންނާއި، ބައްދަލުކުރި ވަގުތުކޮޅު ވެގެންދިޔައީ، އަސަރުން ފުރިގެންދިޔަ ވަގުތުކޮޅަކަށެވެ. ބައެއް ކުދިންނާ ބައްދަލުކުރީ އެކުދިންގެ މަންމައާއި ބައްޕައެވެ. އަދި، ބައެއް ކުދިންގެ މާމަ ނުވަތަ ކާފަ އެ ކުދިންނާއި ބައްދަލުކުރަން ގޮސް ތިބި އިރު، ބައެއް ކުދިންގެ ދައްތަމެންނާއި ކޮއްކޮމެންވެސް ތިބިކަން ފާހަގަކުރެވުނެވެ.

ޕީ.އެސް.އެމާއި ވާހަކަދެއްކި ބައެއް ބެލެނިވެރިން ބުނީ، އެ ކުދިންނާއި ބައްދަލުވުމުން، އެ ކުދިންގެ ކުރިމަގާއިމެދު އުންމީދު އާވެގެން ގޮސްފައިވާ ކަމަށެވެ. "އުންމީދު-ފަހިމާދަމާއަށް" ޕްރޮގްރާމާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އެގްޒެކްޓިވް ޑިރެކްޓަރ ޙާމިދު ޔޫސުފް ވިދާޅުވީ، ފުރަތަމަ ފިޔަވަހި ނިމުނުއިރު، ކުދިންގެ އަޚްލާޤަށް، ހީވެސް ނުކުރާފަދަ ހެޔޮ ބަދަލުތައް އައިސްފައިވާ ކަމަށެވެ.

މި ޕްރޮގްރާމް ފަރުމާކުރައްވާފައިވަނީ، ފުވައްމުލަކުގައި ފުލުހުން ކުރިއަށްގެންދެވި، "ޔޫތްސް އޮފް ޔުނިޓީ" ޕްރޮގްރާމް އަސްލަކަށް ބައްލަވައިގެންނެވެ. ފުލުހުންގެ ފަރާތުން މި ޕްރޮގްރާމްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް، މުޙައްމަދު ޢަބްދުއްރަޙްމާން ވަނީ ތަމްރީންތައް ކުރިއަށްދިޔަގޮތް މީޑިޔާތަކާއި ޙިއްޞާ ކުރައްވާފައިވެއެވެ. img:http://s4.psmnews.mv/images/660x400/14699471671023.jpg|ކުށްކުރާ ކުދިން އިސްލާޙުކުރުމަށް ދ. ވާނީގައި ހިންގަވާ ޕްރޮގްރާމް - ފޮޓޯ: ޕީއެސްއެމް ނިއުސް

ފުރަތަމަ ފިޔަވަހި ނިންމާލުމަށްފަހުވެސް، 20 އޮގަސްޓާއި ހަމައަށް އެ ކުދިން އަދިވެސް ތިބޭނީ ވާނީގައެވެ. ނަމަވެސް 1 އޮގަސްޓުން ފެށިގެން 2 ވަނަ ފިޔަވަހި ފެށިގެންދާނެއެވެ. ދެވަނަ ފިޔަވަހީގައި ހިމެނޭ ތަޢުލީމާއި ތަމްރީނުގެ ބައިތައް ކުރިއަށްގެންދަވާނީ މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީއިންނެވެ.

ވާނީގައި ކުރިއަށްގެންދަވާ ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް މިހާރު އައިސްފައިވާ ހެޔޮ ބަދަލު ދެމެހެއްޓެނިވި ބަދަލަކަށް ހެދޭނީ ޕްރޮގްރާމް ނިންމުމަށްފަހުވެސް އެކުދިންނަށް އެކަންކަން ޙާޞިލްވާނެ މާޙައުލެއް ޤާއިމްވެގެން ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވިދާޅުވެއެވެ.