ވިޔަފާރި

މަޓާޓޯ ޓްރެވަލް އެވޯޑްސްއަށް ނަން ހުށައެޅުމުގެ މުއްދަތު


މަޓާޓޯ ޓްރެވަލް އެވޯޑަކީ، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ޙަރަކާތްތެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަކަށް ދޭ އަހަރީ އެވޯޑެކެވެ. މި އެވޯޑް ދިނުމުގެ ރަސްމިއްޔާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އެންމެ މުހިންމު އެއް އިވެންޓެވެ. މިއަހަރުގެ މަޓާޓޯ ޓްރެވަލް އެވޯޑަށް ނަން ހުށައެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ފުރަތަމަ ހުޅުވާލި ފުރުޞަތުގެ ސުންގަޑި މި ޖުލައިމަހުގެ ނިޔަކަށް ހަމަވާގޮތަށް އޮއްވައި، މިހާރުވަނީ އެ މުއްދަތު އަންނަ އޯގަސްޓް މަހުގެ 15 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

ޕީއެސްއެމްއަށް ދެއްވި އެކްސްކުލޫސިވް އިންޓަރވިއުއެއްގައި މަޓާޓޯގެ ސެކެރެޓަރީ ޖެނެރަލް އިބްރާހީމް މުނާޒް ވިދާޅުވީ މިހާތަނަށް އައިއިރު 150 އަށްވުރެ ގިނަ ނޮމިނޭޝަންސް ލިބިފައިވާ ކަމަށެވެ. އަދި މުއްދަތު އިތުރުކުރުމަށް ނިންމީ މިއަހަރުގެ އެވޯޑް ޝޯގައި ހިމެނޭ އައު ކެޓަގަރީތަކަށް ނަން ހުށަހެޅުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށް މުނާޒް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14611530934007.jpg|މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑު 2015 ގައި އެވޯޑު ލިބުނު ބައެއް ފަރާތްތައް - ފޮޓޯ: ޓްރެވަލް އެވޯޑްސް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޑްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިންވަނީ ޓްރޮފީގެ ޑިޒައިނަށް ބަދަލު ގެނެސް، އައު ޓްރޮފީ ތަޢާރަފްކޮށްފައެވެ. މިއަހަރުގެ އެވޯޑް ޝޯ 2 ދުވަހުގެ އިވެންޓެއްގެ ގޮތަށް ކުރިއަށް ގެންދިޔުމަށް ރާވަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.

މަޓާޓޯގެ ސެކެރެޓަރީ ޖެނެރަލް އިބްރާހީމް މުނާޒް ވިދާޅުވީ މިއަހަރުގެ ޓްރެވަލް އެވޯޑް ޝޯ އެހެން އަހަރުތަކުގެ ޝޯއާ ތަފާތުވާނެ ކަމަށެވެ. އެގޮތުން އެވޯޑް ޝޯ ބާއްވަން ހަމަޖެހިފައިވާ ދުވަހުގެ ކުރީ ދުވަހު، މޯލްޑިވްސް ޓްރެވަލް ކޮންފަރެންސެއް ބޭއްވުމަށް ރާވާފައިވާކަމަށް މުނާޒު ވިދާޅުވިއެވެ. މި ކޮންފަރެންސްއާއި ގުޅޭ އިތުރު މައުލޫމާތު މީޑިއާ އާއި ފަހުން ހިއްސާކުރާނެ ކަމަށްވެސް މުނާޒު ވިދާޅުވިއެވެ.

މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރ މަހުގެތެރޭގައެވެ. މިއަހަރުގެ އެވޯޑް ޝޯގައި 36 ކެޓަގަރީއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސް އިންތިޒާމްކުރާނީ ތިންކް އެޑްވަރޓައިސްމަންޓްގެ ފަރާތުންނެވެ. މިއީ މަޓާޓޯއިން މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބާއްވާ 5 ވަނަ އަހަރެވެ.