ދުނިޔެ

އިންޑިޔާއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި 52މީހުން މަރުވެއްޖެ


އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެޤައުމުގެ އިރުމަތީ ސްޓޭޓްތަކުން 52 މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ ކާރިސާތަކާބެހޭ މައި އިދާރާއިން ހާމަކުރާ ގޮތުގައި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ އިރުމަތީ އައްސާމް އަދި ބިހާރް ސްޓޭޓަށެވެ. މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިހާރް ސްޓޭޓުން 26 މީހުން މަރުވެފައިވާއިރު، ކިސަޑު ފޭބުމާއި ބިންގަޑު ކަޑައިގެން ދިއުމުގެ ޙާދިސާތަކުގެ ސަބަބުންނާއި، ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވުމުގެ ސަބަބުން 10،000 އަށް ވުރެ ގިނަ މީހުން ޙާލުގައި ޖެހިފައިވާކަމަށް އެއިދާރާއިން ހާމަކޮށްފައިވެއެވެ. img:http://s2.psmnews.mv/images/660x400/14699087222672.jpg|އިންޑިޔާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެފައިވާ ސަރަހައްދެއް - ފޮޓޯ: ޝިންހުއާ

މިވިއްސާރައިގައި އައްސާމް ސްޓޭޓުންވެސް 26 މީހުން މަރުވެފައިވެއެވެ. ގިނަ މީހުން މަރުވެފައިވަނީ، ފެންބޮޑުވުމުގެ ސަބަބުން ގެބިގެންނާއި ،ގަސްތައް ވެއްޓި ގަސްތަކު ދަށުވެގެން ކަމަށް ޚަބަރު ލިބެއެވެ. އައްސާމް ސްޓޭޓްގައި ވެސް 100،000 އަށް ވުރެ ގިނަ މީހުން ޙާލުގައިޖެހި، ވަގުތީ ހިޔާތަކައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްސާމް ސްޓޭޓުގެ ޞަރަޙައްދީ ސަރުކާރުން ބުނެއެވެ.

މޫސުމީ ވިއްސާރައިގެ ސަބަބުން ދެކުނުގެ ސްޓޭޓްތައް ކަމަށްވާ ޓެމިލްނާޑޫއާއި ކަރްނާޓަކާގެ ބައެއް އަވަށްތަކުގައިވެސް މިހާރު ވަނީ ފެންބޮޑުވެފައެވެ. އެހެންނަމަވެސް މި ސްޓޭޓްތަކުން މީހަކު މަރުވިކަމެއް އަދި ރިޕޯޓް ކުރެވިފައެއް ނުވެއެވެ. އިންޑިއާގެ މައި ސިޓީތަކުގެ ތެރެއިން، ވެރިރަށް ނިއުދިއްލީއާއި ވިޔަފާރި މަރުކަޒީރަށް މުމްބާއީއާއި އައި.ޓީ މަރުކަޒީރަށް ބެންގަލޫރާއި ހައިދަރްއާބާދަށްވެސް މިހާރު ވަނީ ފެންބޮޑުވުމުގެ އަސަރުކޮށްފައެވެ.

އިންޑިއާގެ ޔޫނިއަން ހޯމް މިނިސްޓަރު، ރަޖްނާތު ސިންހް ވަނީ ވިއްސާރައިގެ އަސަރު ކުރި ޞަރަޙައްދުތައް ވައިގެ މަގުން ބައްލަވާލައްވާފައެވެ.