ކުޅިވަރު

ޕީއެސްއެމްގެ ފުޓްސަލް އަދި ހޭންޑްބޯލް ފިއެސްޓާ: ޗެމްޕިއަންކަން އެޕްރައިސަލް އާއި ހާޑްޑާޓާ


ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ފުޓްސަލް އަދި ހޭންޑްބޯޅަ ފިއެސްޓާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ ކުލަބުން އިންތިޒާމުކުރި މި މުބާރާތަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެއްބައިވަންތަކަމުގެ ރޫހެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ކުރިއަށްގެންދިޔަ މުބާރާތެކެވެ.

ވާދަވެރި ގިނަ މެޗުތަކެއް ފެނިގެންދިޔަ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމު އެޕްރައިސަލްއިންނެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ޓީމު ފޯކަސް އައުޓާ ވާދަކޮށް 6-4 ގެ ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި ހޭންޑްބޯޅަ ފިއެސްޓާގެ ޗެމްޕިއަންކަން ޓީމު ހާޑް-ޑާޓާއިން ހޯދީ ވާދަވެރި ކުޅުމަކަށްފަހު 6-4ގެ ނަތީޖާއަކުން ޓީމު ލައިވް ފީޑު ބަލިކުރުމަށްފަހުއެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ހެންވޭރު ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަކީ ޓީމު އެޕްރައިސަލްގެ ރިމާހު އަޙްމަދާއި ޓީމު ހާޑް-ޑާޓާގެ އަލްޔާއެވެ. ރޭ މި މުބާރާތް ނިމިފައިވާއިރު، މުބާރާތުގެ އެއްވަނަ ޓީމަށް ޓްރޮފީ އާއި މެޑެލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ. އަދި ގައުމީ ހޭންޑްބޯޅަ ޓީމުގެ ވައިސް ކެޕްޓަން ރަފާހާ އިބްރާހީމްވެސް ވަނީ ވަނަޔަތަކަށް ދިޔަ ކުޅުންތެރިންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

ޕީއެސްއެމް ފުޓްސަލް ފިއެސްޓާގައި8 ޓީމަކުން ވާދަކޮށްފައިވާއިރު، ހޭންޑްބޯޅަ ފިއެސްޓާގައި 5 ޓީމެއް ވާދަކުރިއެވެ. ހޭންޑްބޯޅަ ފިއެސްޓާ ލީގު އުސޫލުން ކުރިއަށްދިޔައިރު، ފުޓްސަލް ފިއެސްޓާ ކުރިއަށް ގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ޓީމުތައް ހޮވާފައިވަނީ ޕީއެސްއެމްގެ އެކި ޑިޕާޓްމަންޓުތައް މައްސުނިކޮށްލައި، ބައިވެރިވާން ބޭނުންވި އެންމެހާ މުވައްޒަފުންނަށް ފުރުސަތުދެވިގެންނެވެ.

ނިމުނު ޖޫން މަހުގެ 30 ވަނަ ދުވަހުން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ ޕީއެސްއެމް ފުޓްސަލް އަދި ހޭންޑްބޯޅަ ފިއެސްޓާގެ ކުޅުން ކުރިއަށްދިޔައީ ރޭގަނޑާއި ހަވީރު ހިމެނޭހެން ދެ ދަންފަޅިއަކަށެވެ. ފޯރިއާއެކު މި މުބާރާތް ނިމިފަވާއިރު، މިދިޔަ އަހަރުވެސް މި މުބާރާތްވަނީ ކުރިއަށް ގެންގޮސްފައެވެ.