ކުޅިވަރު

ލިވަޕޫލްއިން ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި، ޖޮޓާގެ ޖަނާޒާ ބާއްވާނީ މާދަމާ


ކާރު އެކްސިޑެންޓެއްގައި މަރުވި ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޖޮޓާގެ ހަނދާނުގައި ލިވަޕޫލްއިން ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.

ރެއިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް މި ދަފަތަރުގައި އާއްމުންނަށް ލިވަޕޫލްގެ ދަނޑަށް ގޮސްގެންނާއި އޮންލައިންކޮށް ސޮއިކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އުމުރުން 28 އަހަރުގެ ޖޮޓާގެ ޖަނާޒާ ބާއްވަން ނިންމާފައިވަނީ ޕޯޗުގަލްގައި އޭނާގެ އާއިލާގެ މެމްބަރުންނާއެކު މާދަމާ ހެނދުނު 10 ޖަހާއިރު އެވެ. އޭނާގެ ހަށިގަނޑު ސްޕޭނުގެ މެޑްރިޑުން ކާރުގައި ޕޯޗުގަލް އަށް ގެންދިޔައީ މިއަދުގެ ވަގުތެއްގަ އެވެ.

ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ މަރުވީ ސްޕޭނުގެ ސްޕޭނުގެ ވެރިރަށް މެޑްރިޑާ ގާތުގައިވާ ޒަމޯރާ ކިޔާ އަވަށެއްގައި ބާރު ސްޕީޑްގައި ކާރު ދުއްވަނިކޮށެވެ. މި އެކްސިޑެންޓްގައި އޭނާ ދުއްވި ލަންބޯޖިނީ ކާރު އެކްސިޑެންޓްވީ އޯވަޓޭކް ކުރަން އުޅެނިކޮށް ކާރުގެ ފޮރުޅު ނެއްޓުމުން ކޮންޓްރޯލް ނުވެ ގޮހެވެ. ސްޕޭނުގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ ކާރުގެ އިންޖީރުގައި ރޯވެ ޖޮޓާ އާއި އޭނާގެ ކޮއްކޮގެ ހަށިގަނޑު ވަނީ މުޅިން ހެން އަދައި އަޅިއަށް ވެފައި ކަމަށެވެ.

ޖޮޓާ މަރުވުމުން ލިވަޕޫލާއި ދުނިޔޭގެ ފުޓްބޯޅަ އާއިލާއިން ދަނީ ހިފެހެއްޓުމެއްނެތި ތައުޒިޔާ ކިޔަމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 28 އަހަރުގެ ޖޮޓާ މަރުވީ އޭނާގެ ކައިވެނި ހަފުތާ ބޭއްވިތާ އެއް ދުވަސް ފަހުންނެވެ. އަދި އިއްޔެ ނޫން ކުރީ ދުވަހު އޭނާގެ އަންހެނުން ވަނީ ކައިވެނީގެ ހާއްސަ ފޮޓޯޓަކަކާއި ވީޑިއޯއެއް ވެސް އާއްމުކޮށްފަ އެވެ.

ޖޮޓާ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 49 މެޗުން 14 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވެ އެ ކުލަބުގެ ގިނަ ކާމިޔާބީތަކުގައި ހިއްސާވެފަ އެވެ. އަދި 123 މެޗުން ވަނީ 47 ގޯލު ޖަހައިދީފަ އެވެ.