ތަރައްްޤީ

ތޮއްޑޫއަށް ދެމުންދާ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރަނީ


އަންނަ އަހަރު ތޮއްޑުއަށް 500 ކިލޯ ވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ގެންދަން ޕްލޭންކުރަމުން އަންނަކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސްޓެލްކޯއާއި ތޮއްޑޫ ކަރަންޓްގެ ޚިދުމަތް ދިނުމަށް ޙަވާލުކުރެއްވިއިރު އެރަށުގައި ކަރަންޓް ދެމުން ދިޔައީ ދެއަވަށަށް ވަކިންނެވެ.

ސްޓެލްކޯއިން އެރަށުގައި މިހާރު  24 ގަޑިއިރަށް ކަރަންޓްގެ ޚިދުމަތްދޭއިރު މި ޚިދުމަތް ދެމުން ގެންދަނީ 260 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި، 320 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި 620 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ބޭނުން ކޮށްގެންނެވެ.

ސްޓެލްކޯގެ އެސިސްޓެންޓް ސްޓޭޝަން މެނޭޖަރ މުޙައްމަދު އަޝްރަފް ވިދާޅުވީ ތޮއްޑުއަކީ ގެސްޓް ހައުސްތައް ގިނަ ރަށަކަށްވެފައި، އަދި މިހާރުވެސް ގެސްޓްހައުސްތައް އިތުރުވަމުން އަންނަ ރަށަކަށްވުމާއެކު ކުރިއަށް އޮތްތާގައި ކަރަންޓް ބޭނުންވާ މިންވަރު އިތުރުވާނެތީ، އެރަށުގެ އިންޖީނުތަކުގެ ކެޕޭސިޓީ މަތިކުރަން ވިސްނަމުންދާކަމަށެވެ. އަދި އެރަށު ކަރަންޓް ނެޓްވޯކްވެސް ބަދަލުކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ ތޮއްޑޫގެ އިންޖީނުގެ ހުރީ މީހުން ދިރިއުޅޭ ސަރަޙައްދުގައިކަމަށް ވުމާއެކު އައު އިންޖީނުގެއެއް ޢިމާރާތްކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށްގެންދަން ޕްލޭން ކުރެވިފައިވާ ކަމަށެވެ.

ސްޓެލްކޯއިން ގެންދަނީ ތޮއްޑޫގައި ފެނުގެ ޚިދުމަތްވެސް ދެމުންނެވެ.