ޚަބަރު

ބްރިޖް ސަރަޙައްދުގައި ކުޑަކުދިންގެ ހަވީރެއް ފާހަގަކޮށްފި


އިންޓަރނޭޝަނަލް ފްރެންޑްޝިޕްޑޭ ފާހަގަކުރުމުގެ ގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރަމުންދާ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގއިން އިސްނަގައިގެން ކުޑަކުދިންގެ ހަވީރެއް ފާހަގަކޮށްފިއެވެ. img:http://s1.psmnews.mv/images/660x400/14698972794339.jpg|ބްރިޖް ސަރަޙައްދުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން - ފޮޓޯ ޕީއެސްއެމް ނިއުސް

މި ހަވީރު ފާހަގަކުރީ ބްރިޖްއަޅާ ސަރަޙައްދާ ދިމާގައި އޮންނަ ހުސްބިމުގައެވެ. ޖުލައި މަހުގެ 30 ވަނަ ދުވަހަކީ ކޮންމެ އަހަރެއްގައިވެސް ފާހަގަކުރަމުން އަންނަ އިންޓަރނޭޝަނަލް ފްރެންޑްޝިޕްޑޭ އެވެ. މި ދުވަހާއި ގުޅުވައިގެން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރަމުންދާ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގއިން މިވަނީ ކުޑަކުދިންނަށް ޚައްޞަކޮށްގެން ކުޑަކުދިންގެ ހަވީރެއް ތަފާތުގޮތަކަށް ފާހަގަކޮށްފައެވެ. img:http://s4.psmnews.mv/images/660x400/14698971202281.jpg|ބްރިޖް ސަރަޙައްދުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން - ފޮޓޯ ޕީއެސްއެމް ނިއުސް

މި ހަވީރުގައި ވަނީ ޗައިނާގެ ބަސް ލިޔާނެގޮތްތަކާއި، ޗޮޕްސްޓިކް ބޭނުންކުރާނެ ގޮތްތަކާއި އަދި ބްރިޖް ޑިޒައިންކުރުންފަދަ ތަފާތު ގޭމްތައް ކުރިއަށް ގެންގޮސްފައެވެ. އަދި ތަފާތު ކުޅިވަރުތަކާއި ނެށުންތައްވެސް މި ކުޑަކުދިންގެ ހަވީރުގެ ތެރެއިން ފެނިގެންދިޔައެވެ. މި ހަވީރުގައި ބްރިޖްގެ މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މީހުން އެކި ސްޓޯލްތަކުގައި ޙަރަކާތްތެރިވާތަން ފެނިގެންދިޔައެވެ. ގިނަ ޢަދަދެއްގެ ކުޑަކުދިންތަކެއް ބައިވެރިވި މި ހަވީރު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުހައްމަދު މުޢިއްޒުއެވެ. މި ކުޑަކުދިންގެ ހަވީރު ޝަރަފްވެރިކޮށްދިނުމަށްފަހު މިނިސްޓަރ ވަނީ މިއަދު ބޭއްވި މި ހަވީރުގެ އެކި ހަރަކާތްތައް ބައްލަވާލައްވާފައެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން އިވެންޓް ހިންގުމުގައި ޙަރަކާތްތެރިވި މަރިޔަމް މުޙައްމަދު ބުނީ މީ ބްރިޖްގެ މަސައްކަތް ކުރާ މުވައްޒަފުން އިސްނަގައިގެން އެކި ފަރާތްތަކާއި ގުޅިގެން ކުރިޔަށް ގެންދިޔަ ހަވީރެއް ކަމަށެވެ.