ޚަބަރު

ބައެއް ޤާނޫނުތަކާއި ފޮތްތައް ޢަރަބިބަހަށް ތަރުޖަމާކުރަނީ


ބައެއް ޤާނޫނުތަކާއި ފޮތްތައް ޢަރަބިބަހަށް ތަރުޖަމާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

އިސްލާމިކް މިނިސްޓްރީން ރާއްޖޭގައި ޢަރަބިބަސް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރުގެ ނާއިބު މުޙައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ ސަރުކާރުން މި މަސައްކަތް ކުރައްވަމުންދާއިރު ޢަރަބި ބަހަށް މުޤައްރަރްތައް އެކުލަވާލެއްވުމާއި، ބަދަލުކުރެއްވުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިވަޑައިގެން ކުރައްވަމުންދާ ކަމަށެވެ. މިކަންކަމަށް ފަހިކުރެއްވުމުގެ ގޮތުން، އިސްލާމިކް މިނިސްޓްރީން މިހާރުވެސް ވިޔަފާރިއާއި އިޤްތިޞާދާ ގުޅުންހުރި ބައެއް ޤާނޫނުތައްވެސް ޢަރަބިބަހަށް ތަރުޖަމާ ކުރައްވާފައިވާނޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި އިސްލާމްދީން މިހާތަނަށް ކުރިއަރަމުން އައިސްފައިވާ ގޮތާބެހޭ ތާރީޚީ ފޮތެއް އިސްލާމިކް މިނިސްޓަރ ވަނީ ޢަރަބިބަހަށް ތަރުޖަމާކޮށް ލިޔުއްވާފައެވެ. އަދި މިފޮތް އަންނަ ހަފްތާތެރޭގައި ޢާއްމުކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.