ރާއްޖޭގައި ބްރޯޑްކާސްޓިންގ ދާއިރާގެ މާސްޓަރ ޕްލޭނެއް އެކުލަވާލެއްވުމަށް ފަންނީ އެހީ ހޯއްދެވުމާ ގުޅޭގޮތުން އޭޝީއާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަންއާއެކު މަޝްވަރާކުރައްވައިފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޖަވާދު މުއްތަޤީއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ރާއްޖޭގައި ބްރޯޑްކާސްޓިން ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށްޓަކައި ދިގު މުއްދަތުގެ މާސްޓަރ ޕްލޭނެއް އެކުލަވާލެއްވުމަށް އޭބީޔޫގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. އަދި ބްރޯޑްކާސްޓިންގ ދާއިރާއިން މީހުން ތަމްރީންކުރުމުގައި އޭބީޔޫގެ އެހީތެރިކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރާއްޖޭގައި ކޮމިޔުނިޓީ ބްރޯޑްކާސްޓިންގ ތަޢާރަފްކުރެއްވުމަށް ކުރައްވާ މަސައްކަތްތަކާއި އެކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އޭ.އައި.ޑީ.ބީގެ ޑިރެކްޓަރާ ބައްދަލުކުރައްވައި އެހީތެރިކަން ހޯއްދެވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.