ޚަބަރު

އޭދަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވަނީ


މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށްޓަކީ އުމްރާނީ ތަރައްޤީގެ ގޮތުން ފާހަގަކޮށްލެވޭ ފެންވަރުގެ ރަށެކެވެ. އޭދަފުށްޓަށް އަންނަ ތަރައްޤީއާއެކު ރަށުގައި ދުއްވާ އެއްޗެހި ގިނަވެ މަގުތައް އަޑިގުޑަންވެފައިވާތީ އެމައްސަލައަށް ޙައްލެއް ގެންނެވުމަށް ސަރުކާރުން މިހާރުވަނީ އެރަށުގެ 15 މަގެއް ރަނގަޅު ފެންވަރަކަށް ތާރު އަޅުއްވައިގެން ހެއްދެވުމަށް ނިންމަވާފައެވެ. މިމަސައްކަތް ޙަވާލުކުރައްވާފައިވަނީ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނާއެވެ. 

މަގުތަކުގައި ތާރުއެޅުއްވުމާ ގުޅޭގޮތުން އޭދަފުށީ ކައުންސިލުގެ ޒިންމާދާރު ވެރިޔާ ނިއުމާ އަޙްމަދު ވިދާޅުވީ އޭދަފުށީގެ މަގުތަކުގައި ނަރުދަމާގެ ނިޒާމްގެ ހޮޅިލައިނާއި، ކަރަންޓް ކޭބަލްތަކާއި ދިރާގުން ގޭގެއަށް ޚިދުމަތްދޭ ވަޅުލާފައިވާ ކޭބަލްތަކާއި، ކޭބަލް ޓީވީ ދޫކުރާ އަމިއްލަ ފަރާތްތަކުން ވަޅުލާފައިވާ ކޭބަލްތައް ވަކި ތަރުތީބަކަކަށް ބަދަލުކުރައްވަމުން ގެންދަވާކަމަށެވެ. 

ނިޢުމާ އަޙްމަދު ވިދާޅުވީ އޭދަފުށްޓަކީ މިއަތޮޅުގެ ކައިރި ރަށްރަށުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު އައިސްއުޅޭ ރަށަކަށްވުމުން މި ރަށުގެ ބޮޑެތިމަގުތައް ހެދުމުން، ރަށުގެ ރައްޔިތުންނާއި އޭދަފުށްޓަށް އައިސްއުޅޭ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެތީ އެއީ ވަރަށް މުހިންމުކަމެއް ކަމަށެވެ.

ސަރުކާރުން ކުރިއަށް ގެންދަވާ ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ ދަށުން އޭދަފުށީގެ ބިން ހިއްކަވާފައިވީ ނަމަވެސް މިހާރު ފަށްޓަވަން ހަމަޖެހިފައިވާ މަގުހެދުމުގެ މަޝްރޫޢުގައި ކުރިއަށް ގެންދަވާނީ ނަރުދަމާގެ ނިޒާމު ޤާއިމްކުރެވިފައިވާ، ރަށުގެ އެތެރޭގެ ބޮޑެތި މަގުތަކުގައެވެ. 

ހައުސިންގް މިނިސްޓްރީން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ މިދިޔަ އަހަރު ޙަވާލުކުރެއްވި މިމަސައްކަތުގެ ދަށުން އޭދަފުށީގެ ބޮޑު 15 މަގެއްގައި ތާރުއަޅަން ނިންމަވާފައިވެއެވެ. އަދި މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރައްވައި، ފެންހިންދުމުގެ ނިޒާމު ޤާއިމުކުރައްވައި ޓްރެފިކް ނިޝާންތައް ހަރުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.