ޚަބަރު

ޞަދަގާތް ފައުންޑޭޝަނުން ރަސްފަންނުގައި ހަރަކާތްތަކެއް ފަށައިިފި


ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވުމުގެ މަޤްޞަދުގައި، މިނިވަން ދުވަހާ ގުޅުވައިގެން ޞަދަޤާތު ފައުންޑޭޝަނުން ރަސްފަންނުގައި ޙަރަކާތްތަކެއް ފަށައިފިއެވެ. 

މި ޙަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހެނދުނު ވަނީ "ޢާއިލީ ނާސްތާ" ގެ ނަމުގައި ހެނދުނުގެ ސަޔެއް ކުރިއަށް ގެންގޮސްފައެވެ. ހެނދުނުގެ ސައި ކުރިއަށް ގެންދިޔައީ ހެޔޮ އަގެއްގައި ޓިކެޓް ވިއްކައިގެނެވެ. މިއީ ޢާއިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމުގެ ފުރުޞަތު މާލޭގައި ދިރިއުޅޭ މީހުންނަށް ހޯދައިދިނުމުގެވެސް މަޤްޞަދުގައި ކުރިއަށްގެންދިޔަ ނާސްތާއެކެވެ. 

ހެނދުނުގެ ނާސްތާގެ ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މިޙަރަކާތް ކުރިޔަށް ދިޔައިރު، މިސަރަޙައްދުގައި ވަނީ ހަކުރު ބައްޔަށް ޓެސްޓް ކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސަވާފައެވެ. ޞަދަޤާތު ފައުންޑޭޝަންގެ ފަރާތުން މަޢުލޫމާތު ދެއްވަމުން، މުޙައްމަދު ނާޒީލު ވިދާޅުވީ ރަސްފަންނު ސަރަޙައްދުގައި މިއަދު ހަވީރާއި، ރޭގަނޑުވެސް ތަފާތު ހަރަކާތްތައް ކުރިއަށްދާނެކަމަށެވެ. 

ރަސްފަންނުގައި ހަވިރާއި، މިރޭ ކުރިއަށްގެންދާ ޙަރަކާތްތަކުގައި މޯލްޑިވިއަން އައިޑޮލްގެ ބައެއް ބައިވެރިންވެސް ފެނިގެންދާނެ ކަމަށް ޞަދަޤާތު ފައުންޑޭޝަނުން ހާމަކުރެއެވެ. މީގެތެރޭގައި މޯލްޑިވިއަން އައިޑޮލްއިން ވިދާލި އަޒްލީމާ، ޒަލީފް އަދި މުއައްޒިން ހިމެނެއެވެ. ޞަދަޤާތު ފައުންޑޭޝަނަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމުގައި ފާހަގަކޮށްލެވޭ ފައުންޑޭޝަނެކެވެ.