ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރިކުރި 4 މީހަކަށް މަރުގެ އަދަބު ދީފި


މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ގެންދިޔަކަން ސާބިތުވެފައިވާ ހަތަރު މީހަކަށް އިންޑޮނީޝިޔާގައި މަރުގެ އަދަބު ދީފިއެވެ. 

އިންޑޮނީޝިޔާގެ ސަރުކާރުން ބުނީ މަރުގެ އަދަބު ދިން ހަތަރު މީހުންނަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ގެންދިޔަކަން ޝަރީއަތަށް ސާބިތުވެގެން މަރުގެ އަދަބު ދިނުމަށް ކޯޓުން ހުކުމް ކޮށްފައިވާ ހަތަރު މީހުންކަމަށެވެ. އެ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ އިންޑޮނީޝިޔާގެ ރައްޔިތެއްގެ އިތުރުން ނައިޖީރިޔާގެ 3 މީހުންނެވެ. އެހަތަރު މީހުންނަށް މަރުގެ އަދަބު ދީފައިވަނީ ބަޑިޖަހައިގެނެވެ. މަރުގެ އަދަބު ދިނީ ޖަވާގައިވާ ނުސަކަންބަންގަން ޖަޒީރާގެ ޖަލުގައެވެ. 

img:http://s2.psmnews.mv/images/660x400/14697800292119.jpg|އިންޑޮނޭޝިޔާގައި މަރުގެ އަދަބު ތަންފީޒުކުރާ ޖަލު ހުންނަ ރަށް

އެ ހަތަރު މީހުންނާއެކު އިތުރު ދިހަ މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވީނަމަވެސް އެމީހުންގެ މައްޗަށް މަރުގެ އަދަބު އަދި ތަންފީޒުކޮށްފައެއްނުވެއެވެ. 

މަރުގެ އަދަބު ދިން ހަތަރު މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެމީހުންނަށް މަރުގެ އަދަބު ނުދިނުމަށް އެދި އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހުޅަނގުގެ ބައެއް ގައުމުތަކުން އެދުނު އެދުންތަކާއި ކުރި އިލްތިމާސްތަކަށް އިންޑޮނީޝިޔާގެ ސަރުކާރުން ދީފައި ވަނީ ބީރު ކަންފަތެކެވެ. އިންޑޮނީޝިޔާ ސަރުކާރުން ބުނެފައިވަނީ މިއީ މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް އެގައުމުން އިއުލާންކޮށްފައިވާ ހަނގުރާމައިގެ ބައެއްކަމަށާ ބޭރުގެ އިލްތިމާސްތަކާ ގުޅިގެން މިހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ.