ޚަބަރު

ބޮޓަފޯގޯ ބަލިކޮށް ޕަލްމެއިރާސް ކުއާޓާ ފައިނަލަށް


ފީފާ ކުލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ޕަލްމެއިރާސްއިން ހޯދައިފިއެވެ. ޕަލްމެއިރާސްއިން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ބްރެޒިލްގެ ވާދަވެރި ބޮޓަފޯގޯއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެފައިވާތީ މެޗުގެ އިތުރު ވަގުތުގެ 30 މިނިޓު ވަނީ ކުޅެފަ އެވެ. ފިލަޑެލްފިއާގެ ލިންކޮލް ފައިނޭލްޝަލް ފީލްޑް ގައި ތިރީސް ތިން ހާހަށްވިރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ޕަލްމެއިރާސްގެ ވިޓަރ ރޯގް އަށް ވަނީ ލަނޑެއް ޖަހަން ރަގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އަދި އޭގެ ދިހަ މިނިޓު ފަހުން ޕަލްމެއިރާސްއިން ވަނީ ޕެނަލްޓީ އަކަށް އެޕީލްކޮށްފަ އެވެ.

މި މެޗުގައި ޕަލްމެއިރާސްއިން އުފެއްދި ގިނަ ހަމަލަތަކެއް ދިފާއު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ބޮޓަފޯގޯގެ ކީޕަރު ޖޯން އެވެ.

ޕަލްމެއިރާސްއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕައުލީނިއޯ އެވެ.

މި މެޗުން މޮޅުވެ މުބާރާތުގެ ކުއާޓަރ ފައިނަލަށް ކޮލިފައިވުމާއެކު، ޕަލްމެއިރާސް ކުއާޓަރ ފައިނަލުގައި ބައްދަލުކުރާނީ ޗެލްސީއާ ދެކޮޅަށެވެ.