ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ޗައިނާގެ މާކެޓަށް އިތުރަށް ފުޅާކުރުމަށް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ޗައިނާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޓްރެވަލްސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް، ޖީޑީއެސްއާ ރަސްމީކޮށް ގުޅިއްޖެއެވެ. މޯލްޑިވިއަނުން މިކަން އިޢުލާންކޮށްފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
ޓްރެވެލްސްކައި ޖީޑީއެސް އަކީ ޓްރެވަލްސްކައި ޓެކްނޮލޮޖީ ލިމިޓެޑް އިން ހިންގާ ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް، ޖީޑީއެސްއެކެވެ. މިއީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދޭ، ޗައިނާގެ ކުންފުންޏެކެވެ. ދުނިޔޭގައި އެންމެ ބޮޑު ތިން ޖީޑީއެސްގެ ތެރޭގައި ހިމެނޭ، މި ސިސްޓަމުން އެއަރލައިންތަކަށާއި ޓްރެވަލް އޭޖެންސީތަކަށް ޓިކެޓް ރިޒާވްކުރުމާއި، ފުރުމުގެ ކަންކަން ބެލެހެއްޓުމާއި، ޑިސްޓްރިބިއުޝަންގެ އިތުރުން މެނޭޖްމެންޓުގެ ޚިދުމަތްތައް ފޯރުކޮށްދެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި، މޯލްޑިވިއަނުން ވަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޓްރެވެލްސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް، ޖީޑީއެސް އަދި ޗައިނާގެ އައިއޭޓީއޭގެ ބިލިންގ އެންޑް ސެޓްލްމަންޓް ޕްލޭން، ބީއެސްޕީއާއެކު ރަސްމީކޮށް ގުޅިފައިވާކަމަށް އިޢުލާންކޮށްފައެވެ.
Maldivian proudly expands its reach in China!
— MaldivianAero (@MaldivianAero) June 26, 2025
We're now live on TravelSky GDS and part of IATA’s BSP in China, enabling convenient ticketing. With direct flights to Beijing, Shanghai & Chengdu, this milestone enhances travel convenience for agents and customers alike. 🌏✈️… pic.twitter.com/AQuBNMG3R6
މީގެ މައިގަނޑު މަޤްޞަދަކީ ޗައިނާގެ ޓްރެވަލް އޭޖެންޓުންނަށާއި ބައިނަލްއަޤްވާމީ ޕާޓްނަރުންނަށް މޯލްޑިވިއަންގެ ޚިދުމަތްތައް ފަސޭހައިން ލިބެން ހުރުމާއި، ޓިކެޓް ހެދުމުގެ ފަސޭހަކަން އިތުރުކުރުންކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.
މި ބަދަލާއެކު ޗައިނާގައި ތިބި އައިއޭޓީއޭއިން އެކްރެޑިޓްކޮށްފައިވާ އޭޖެންޓުންނަށް މިހާރު ޓްރެވެލްސްކައި ޕްލެޓްފޯމް މެދުވެރިކޮށް މޯލްޑިވިއަންގެ އީ-ޓިކެޓް ފަސޭހަކަމާއެކު ދޫކުރެވޭނެކަމަށް އެ އެއަރލައިނުން މައުލޫމާތުދެއެވެ. އަދި މިއީ މިވަގުތު ދުނިޔޭގައި އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރަމުންދާ އައުޓްބައުންޑް ޓޫރިޒަމް މާކެޓްތަކުގެ ތެރެއިން އެއް މާކެޓް ކަމުގައިވާ ޗައިނާގައި މޯލްޑިވިއަންގެ މަޤްބޫލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް އެ އެއަރލައިނުން ވިދާޅުވެއެވެ.
މޯލްޑިވިއަނުން ވިދާޅުވީ، މި ޕާޓްނަރޝިޕްގެ ސަބަބުން ޗައިނާއިން ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި ޗައިނާއަކީ މި ވަގުތު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަށް ވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް އެ ކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މިކަމުގެ ސަބަބުން މޯލްޑިވިއަންއަށް ބައިނަލްއަޤްވާމީ އެހެން އެއަރލައިންތަކާއެކު ގުޅުންތައް ޤާއިމުކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
މޯލްޑިވިއަނުން ދަނީ ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ބާއްވަމުންނެވެ. އެއީ ބެއިޖިންގ، ޝަންގްހާއި އަދި ޗެންގްޑޫއެވެ. މި ރޫޓުތަކުގައި ޚިދުމަތް ދެނީ އެއަރލައިންގެ އޭ330-200 ވައިޑްބޮޑީ މަތިންދާބޯޓުންނެވެ. މިއީ ދުރު މަންޒިލްތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް އަމާޒުކޮށްގެން ޚިދުމަތް ދިނުމަށް އެއެރލައިންގެ ފްލީޓަށް ގެނައި ބޯޓެކެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 26 މަތިންދާބޯޓެއް ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 8 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.