ޚަބަރު

ޒުވާނުންގެ ހޮޅުއަށި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި


  • މި މަޝްވަރާތައް އޮންނާނީ ޖޫން މަހުގެ 30

  • މި ބައްދަލުވުމުގައި ބައިވެރިވުމަށް 4000567އަށް ގުޅާލުމުން ރަޖިސްޓްރީވެވޭނެ

ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ޒުވާޏުންނަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ "ޒުވާނުންގެ ހޮޅުއަށި"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 30ވަނަ ދުވަހުއެވެ.

ޒުވާނުންގެ ހޮޅުއަށްޓަކީ ޒުވާނުންނާއި ބެހޭ ވުޒާރާއިން ސިލްސިލާކޮށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. އަދި މިއީ ޒުވާޏުންނަށް ފުރުޞަތުތައް ތަނަވަސްކޮށްދީ ޒުވާނުންނަށް ބޭނުންވާ ޙިދުމަތްތައް ފޯރުކޮށްދިނުމުގެ އަމާޒުގައި ކުރިއަށްގެންދާ ބައްދަލުވުންތަކެވެ.

ފުރާވަރު ކުދިންނާއި ޒުވާނުންނަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ މި ބައްދަލުވުމުގައި "ޔޫތު ޕްލިޓިކަލް ޕާޓިސިޕޭޝަން"، މި މަޢުލޫއަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުމުގައި ޒުވާނުންނަށް ދިމާވާ މައްސަލަތަކާއި ބެހޭގޮތުން ވާހަކަދެކެވިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާއި، އެކަންކަމަށް ހައްލު ހޯދުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރުމަށް އެ ހޮޅުއަށީގައި ފުރުސަތު ލިބިގެންދާނެ ކަމަށާއި، ހާއްސަކޮށް ޒުވާނުންގެ ވަޒީފާގެ ދަތިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިންގާ ޖޫން މަހުގެ 30ވަނަ ދުވަހުގެ ރޭގަނޑު 8:30އިން އެރޭ 10:00އަށެވެ. އަދި މި ބައްދަލުވުން އޮންނާނީ ސޯޝަލް ސެންޓަރުގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް 4000567އަށް ގުޅާލުމުން ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޒުވާނުންނާ ބެހޭ ވުޒާރާއިން ދަނީ ޒުވާނުން ބާރުވެރިކުރުމަށް ތަފާތު އެކި ޙަރަކާތްތަކާއި، މައުލޫމާތު ބައްދަލުވުންތަކާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން، އިޖުތިމާއި އެކި ހަރަކާތްތައްވެސް ކުރިއަށްގެންދަމުންނެވެ.