ކުޅިވަރު

އަސާސީ ގަވާއިދު ފާސްނުވެއްޖެނަމަ ރާއްޖެ ވާނީ ސަސްޕެންޑް


ދިވެހި ފުޓްބޯޅައިގައި މިއަދަކީ ވަރަށް މުހިންމު ދުވަހެކެވެ. މީރުމާ ހޮޓަލުގެ ބޯލް ރޫމުގައި ބާއްވާ އެފްއޭއެމް ކޮންގްރެންސް އަކީ ދިވެހި ފުޓްބޯޅައިގެ ކުރިމަގު ކަނޑައަޅާ ހަރަކާތެވެ. ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުގެ 10 އަދި ތިން ވަނަ ޑިވިޝަނުގެ ސީބީއެލް ބައިވެރިވާ ކޮންގްރެސްގެ އެންމެ މުހިންމު ކަމަކީ ފީފާއިން އެކުލަވާލައި ކުލަބުތަކުގެ މަޝްވަރާ ހޯދާފައިވާ އަސާސީ ގަވާއިދު ފާސް ކުރުމަށެވެ.

އެފްއޭއެމަށް އައު އަސާސީ ގަވާއިދެއް ތައްޔާރު ކުރީ ކީއްވެ ހެއްޔެވެ؟ އައު އަސާސީ ގަވާއިދުގައި އޮތީ ކީކޭ ހެއްޔެވެ؟ އެފްއޭއެމުގެ އަސާސީ ގަވާއިދު އެންމެ ފަހުން ތައްޔާރު ކޮށްފައިވަނީ ބައްސާމް އަދީލް ޖަލީލްގެ ރައީސް ކަމުގައި 2016 ވަނަ އަހަރު އެވެ. މި އަސާސީ ގަވާއިދު ބަދަލު ކުރަން ޖެހުނީ މި ގަވާއިދުން ދިވެހި ފުޓްބޯޅައިގެ ގިނަ ބައެއްގެ ހައްގުތަކެއް ގެއްލޭތީ އެވެ.

އެންމެ މުހިންމު ކަމަކީ އަސާސީ ގަވާއިދުން ކުލަބުތަކަށް މެމްބަރޝިޕް ލިބޭ މާއްދާ އެވެ. މިހާރު އޮތް ގޮތުން އެފްއޭއެމުގެ މެމްބަރަކަށް ވެވެނީ މަދުވެގެން ފަސް ސީޒަނުގައި މެދު ނުކެނޑި ފުޓްބޯޅަ ކުޅުމުންނެވެ. ރާއްޖޭގެ އެންމެ ބޮޑު ތިން ކުލަބުގެ ތެރެއިން ވިކްޓަރީ އާއި ނިއުރޭޑިއަންޓަށް ފުރިހަމަ މެމްބަރުކަން ނުލިބިގެން އުޅެނީ މި މާއްދާ މި ގޮތަށް އޮތުމުންނެވެ. ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައިވާ އޮޑި ސްޕޯޓްސް ކުލަބަށް މެމްބަރަކަށް ނުވެވި އޮތީ ވެސް މި މާއްދާގެ ސަބަބުންނެވެ.

ފީފާ އާއި އޭއެފްސީން ބޭނުންވަނީ މެމްބަރަކަށް ވެވޭ އަދަދު ދޭއް ނުވަތަ ތިން އަހަރަށް ދަށް ކުރާށެވެ. ސަބަބަކީ ގިނަ ބަޔަކު ފުޓްބޯޅައިގައި ޝައުގުވެރިކަމާއެކު އުޅެން ފުރުސަތު ދިނުމަށެވެ. އެފްއޭއެމުގެ ކަންކަމުގައި ވޯޓު ދެވެނީ ފުރިހަމަ މެމްބަރަކަށް ވެވިގެންނެވެ. މިހެންކަމުން މި މާއްދާ އިސްލާހު ކުރުމަކީ މެމްބަރު ކުލަބުތަކުގެ މެދުގައި އެއްބަސް ނުވެވި އޮތް ކަމެކެވެ.

ދެން އޮތީ ގަވާއިދުގައިވާ އެފްއޭއެމުގެ ރައީސް ކަމަށް ކުރިމަތިލެވޭ މާއްދާ އެވެ. މިހާރު އޮންނަ ގޮތުން އެފްއޭއެމުގެ ރައީސް ކަމަށް ކުރިމަތިލާ ފަރާތްތަކުން ފުރަތަމަ ޑިވިޝަނުގެ ތިން ކުލަބުގެ ތާއީދު ހޯދަން ޖެހެ އެވެ. ފުރަތަމަ ޑިވިޝަނުގައި އޮތީ އަށް ކުލަބެވެ. މިހެން ކަމުން މިހާރުގެ އަސާސީ ގަވާއިދުގެ ދަށުން ގިނަ ވެގެން ކުރިމަތިލެވޭނީ ދެ ކެނޑިޑޭޓުންނަށެވެ. އަދި ހަ ކުލަބެއް އެކައްޗެއް ކިޔައިފިނަމަ ދެ ވަނަ ކެނޑިޑޭޓަކަށް ކުރިމަތި ވެސް ނުލެވޭނެ އެވެ. އެފްއޭއެމުގެ ރައީސް ކަމުން ވަކިވެފައިވާ އަދި ހިޔާނާތުގެ ކުށުގައި ފީފާއިން ސަސްޕެންޑްކުރި ބައްސާމް އަދީލް ޖަލީލަށް ތާއީދު ކުރާ ފަރާތްތަކުން މިހާތަނަށް އަހުމަދު ތޯރިގް (ޓޮމް) އަށް ފުރުސަތު ގެއްލުވާލަމުން ދިޔައީ މި މާއްދާގެ ބޭނުން ކޮށްގެންނެވެ. ނަމަވެސް ފީފާ އަދި އޭއެފްސީން ވެސް ބޭނުންވަނީ ގިނަ ބަޔަކަށް ކުރިމަތިލެވޭ ގޮތަށް ގަވާއިދު ބަދަލު ކުރާށެވެ. މިއީ ވެސް ކުލަބުތަކުގެ މެދުގައި ކޯޅުން ބޮޑު މާއްދާއެކެވެ.

ދެން އޮތީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ އަދަދެކެވެ. އަސާސީ ގަވާއިދުގައިވާ ގޮތުން ދިވެހި ޕްރެމިއާ ލީގުގެ ޓީމުތަކުގެ އަދަދަކީ އަށެކެވެ. ނަމަވެސް ވިކްޓަރީ އާއި އޮޑި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމުން މިހާރު ޕްރެމިއާ ލީގު ކުޅެން 10 ޓީމު އޮބައޮތެވެ. ދެ ވަނަ ޑިވިޝަނުގައި 10 ޓީމު އޮންނަ ކަމަށް އަސާސީ ގަވާއިދުގައި އޮތަސް މިހާރު ދެ ވަނަ ޑިވިޝަން ކުޅެން 13 ޓީމު އެބައޮތެވެ. މިހެންވެ ލީގު ފަށަން ފީފާއިން ބާރު އަޅަނީ އަސާސީ ގަވާއިދު އިސްލާހުކޮށްގެންނެވެ.

މިކަންކަން އިސްލާހު ނުކޮށް، ކޮންގްރެސްގައި ކޯޅުން ބޮޑުވެއްޖެނަމަ ކަންކަން އިސްލާހު ކުރަން ދެން ރާއްޖެ ސަސްޕެންޑް ކޮށްފާނެއެވެ. މިއަދުގެ ކޮންގްރެންސް މުހިންމުވަނީ މިހެންވެއެވެ. ރާއްޖޭގެ އެއްވަނަ ކުޅިވަރަކީ ފުޓްބޯޅައެވެ. ސަރުކާރާއި އާއްމުން އެންމެ ބޮޑަށް ހޭދަކޮށް، އެންމެ ބޮޑު ތަރުހީބެއްދޭ ފުޓްބޯޅަ ސަސްޕެންޑް ވުމަކީ އެތައް ގޮތަކުން ގެއްލުންތަކެއް ކުރިމަތިވާނެ ކަމެކެވެ. މިކަން މި ގޮތަށް ނުވެވެތޯ ބަލަން ސަރުކާރާއި ކުޅިވަރާބެހޭ މިނިސްޓްރީ އާއި ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ ބަޔަކު މިހާތަނަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެކަމަކު ބާރު އޮތީ ކުލަބުތަކުގެ އަތްމަތީގަ އެވެ.