ތަޢުލީމު

ގަދަދިހައެއްގެ ހިމެނޭ ކޮންމެ ކުއްޖަކަށް 50000 ރުފިޔާ


ހިންމަފުށީ ސްކޫލުން ތަޢުލީމް ޙާޞިލްކުރާ ދަރިވަރުންގެ ތެރެއިން އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ ދިހަވަނައިގައި ހިމެނޭ ކޮންމެ ކުއްޖަކަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމަވައިފިއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ހިންމަފުށީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ ހުޞައިން ޢަބްދުއްރަޙުމާން ވިދާޅުވީ، މި ފައިސާގެ އިނާމު، އެ ރަށު ކައުންސިލުން ޚަރަދު ކުރައްވައިގެން ދެއްވުމަށް، ކައުންސިލުން ނިންމަވާފައިވާކަމަށެވެ.

އޯލެވެލް ޓޮޕް ޓެންގައި ހިމެނޭ ދަރިވަރުންނަށް ޚާއްޞަ ފައިސާގެ އިނާމެއް ދެއްވުމުގެ އިތުރުން، އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވާ ދަރިވަރުންނަށްވެސް ޚާއްޞަ އިނާމުތަކެއް ދެއްވުމަށް ކަނޑައަޅުއްވާފައިވާކަމަށް ހިންމަފުށީ ކައުންސިލުން ވިދާޅުވެއެވެ. ދުއިސައްތައަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާޞިލްކުރަމުންދާ ހިންމަފުށީ ސްކޫލަކީ ގްރޭޑް ދިހައެއްގެ ފެންވަރަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.