ޚަބަރު

ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް ނޭޓޯއިން ދިފާޢީ ބަޖެޓު ބޮޑު ކުރަނީ


ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރު ޤައުމުތަކުން ދިފާޢީ ދާއިރާއަށް ކުރާ ހޭދަ %5އަށް ބޮޑު ކުރުމަށް ނިންމާފައިވާ ކަން އެ އިއްތިޙާދުން ހާމަކޮށްފިއެވެ. މި ކަން ހާމަކޮށްފައި ވަނީ ނެދަރލެންޑްސްގެ ދި ހޭގްގައި ބޭއްވި އެ އިއްތިޙާދުގެ ސަމިޓެއްގައެވެ. ނޭޓޯގެ މެންބަރު ޤައުމުތަކުގެ ތެރެއިން ސްޕެއިނާއި ބެލްޖިޔަމް އަދި ސްލޮވާކިޔާ ފިޔަވައި އެހެން ހުރިހާ ޤައުމަކުން މި ކަމަށް އެއްބަސްވެފައި މި ވަނީ، ނޭޓޯގެ ދިފާޢީ ބަޖެޓު ބޮޑު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާރު އަޅުއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

32 ޤައުމެއްގެ މައްޗަށް އެކުލެވިގެންވާ ނޭޓޯއިން ބުނީ، 2035ވަނަ އަހަރުގެ ކުރިން އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކުގެ ޤައުމީ އުފެއްދުންތެރި ކަމުގެ %5، ދިފާޢީ އަދި ސަލާމާތީ ކަންކަން ހަރުދަނާ ކުރުމަށް ހޭދަ ކުރުމަށް އެއްބަސްވާ ކަމުގައެވެ. މި އަދަދު 2029ވަނަ އަހަރު މުރާޖާ ކުރުމަށް ނިންމާފައިވާ ކަން ވެސް އެ އިއްތިޙާދުން ހާމަކުރިއެވެ. އެއީ، އެމެރިކާގައި ދެން ބާއްވާ ރިޔާސީ އިންތިޚާބު ނިމުމަށް ފަހުގައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުތޭ ސިފަ ކުރެއްވި ގޮތުގައި، އެ އިއްތިޙާދުން ދިފާޢަށް ކުރާ ހޭދަ ބޮޑު ކުރުމަށް ނިންމުމަކީ ވަރަށް "ޓްރާންސްފޮމޭޝަނަލް" ނުވަަތަ ބޮޑެތި ބަދަލުތަކެއް ގެނުވާނެ ނިންމުމެކެވެ. ނޭޓޯގެ މި ނިންމުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ، އެއީ އޭނާ އެ ކަމަށް ބާރު އެޅުއްވުމުގެ ގޮތުން ނޭޓޯއިން ނިންމާފައިވާ ނިންމުމެއް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. "އަޅުގަނޑަަކަށް ނޭނގޭ އެއީ އަޅުގަނޑު ކުރި ކަމެއް ކަމެއް، ނަމަވެސް އަޅުގަނޑު ޤަބޫލު ކުރަނީ އެ ގޮތަށް،" އޭނާ ވިދާޅުވިއެވެ.

ނޭޓޯގެ ދިފާޢީ ދާއިރާ ހަރުދަނާ ކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާ އެއް ޤައުމަކީ އިނގިރޭސިވިލާތެވެ. އެ ޤައުމުން ވަނީ ޤައުމީ އުފެއްދުންތެރި ކަމުގެ %4.1 ނޭޓޯގެ ދިފާޢަށް ޚަރަދު ކުރަން ނިންމާފައެވެ. މި ކަން އިޢުލާނު ކުރައްވަމުން އެ ޤައުމުގެ ބޮޑުވަޒީރު ކީރް ސްޓާމަރ ވިދާޅުވީ، 2027ވަނަ އަހަރުގެ ކުރިން އެ ގޮތަށް އަމަލު ކުރަން ފަށާނެ ކަމުގައެވެ. މިއީ، ޓްރަމްޕްގެ ރުހުން އޭނާއަށް ލިބިގެންދާނެ ނިންމުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރިއެވެ.

ނޭޓޯގެ ދިފާޢީ ކަންކަން ހަރުދަނާ ކުރުމަށް ކުރާ ހޭދަ ބޮޑު ކުރުމަށް އެ އިއްތިޙާދުގެ ގިނަ ޤައުމުތަކުން އެއްބަސްވެފައިވީ ނަމަވެސް، ބައެއް ޤައުމުތަކުން ވަނީ އެ ކަމަށް އިންކާރު ކޮށްފައެވެ. އޭގެ ތެރޭގައި ސްޕެއިން ހިމެނެއެވެ. ސްޕެއިނަކީ މި ވަގުތު ވެސް ނޭޓޯގެ ދިފާޢީ ބަޖެޓަށް އެންމެ މަދުން ޚަރަދު ކުރާ ޤައުމެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒް ވިދާޅުވީ، ޤައުމީ އުފެއްދުންތެރި ކަމުގެ %5 ނޭޓޯގެ ދިފާޢަށް ޚަރަދު ކުރުމަކީ އެ ޤައުމުގެ އިޤުތިޞާދަށް އުފުލަން ޖެހޭނެ ބުރަ ބޮޑުވާނެ ކަމެއް ކަމުގައެވެ. އަދި، 2022ވަނަ އަހަރު އެއްބަސްވެފައިވާ ގޮތަށް ޤައުމީ އުފެއްދުންތެރި ކަމުގެ %2 ނޭޓޯގެ ދިފާޢަށް ޚަރަދު ކުރުމުގައި ދެމިއޮންނާނެ ކަމުގައެވެ. ނޭޓޯގެ މެންބަރު ޤައުމުތަކުން ދިފާޢަށް ކުރާ ޚަރަދު %2އަށް އިތުރު ކޮށްފައި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމާ ގުޅިގެންނެވެ.

ޓްރަމްޕް ވަނީ މި ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވައި، ސްޕެއިނަށް އިންޒާރު ދެއްވާފައެވެ. "އެ މީހުން [ސްޕެއިނުން] ބޭނުން ވަނީ [ދިފާޢަށް ކުރާ ޚަރަދު] %2ގައި ހިފަހައްޓަން، އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ގޯސް ނިންމުމެއްހެން. އަޅުގަނޑުމެން މި ވަގުތު މި ދަނީ ސްޕެއިނާ އެކު ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމަށް މަޝްވަރާ ކުރަމުން، [އަޅުގަނޑު ބޭނުންވާ ކަންކަމަށް އިންކާރު ކުރާ ނަމަ] އެ ކަން ނިމޭއިރު ސްޕެއިނުން ކުރަން ޖެހޭ ހޭދަ ދެގުނައަށް އިތުރުވާނެ،" ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި ވަނީ، ބޭރު ޤައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޓެރިފް ނުވަތަ އިންޕޯޓުޑިޔުޓީ ބޮޑުކުރުމާ ގުޅޭ ގޮތުން ޓްރަމްޕްގެ ސަރުކާރުން ދޭދޭ ޤައުމުތަކާ ދެމެދު ކުރަމުންދާ މަޝްވަރާތަކަށެވެ.