ދުނިޔެ

ތުރުކީގެ އިސް ޖެނެރަލުންނާއި ކޮމާންޑަރުންތަކެއް ވަކިކޮށްފި


ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު ބަޣާވާތާ ގުޅިގެން ސިފައިންގެ އިސް ޖެނެރަލުންނާއި ކޮމާންޑަރުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު މަގާމުން ވަކިކުރުމަށް އެގައުމުގެ ސަރުކާރުން އަމުރުކޮށްފިއެވެ. މީގެއިތުރުން ތުރުކީވިލާތުގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ ތެރެއިން ގިނައަދަދެއްގެ މުއައްސަސާތައް ބަންދުކޮށް ގިނަ އަދަދެއްގެ ނޫސްވެރިންގެ މައްޗަށް ޝަރީއަތް ހިންގާނެކަމާއި ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އެތަށްހާސް ބަޔަކު މަގާމުން ވަކިކުރިކަންވެސް ތުރުކީ ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު ބަޣާވާތާ ގުޅުން ހުރިކަމަށް ތުހުމަތުކޮށް ސިފައިންގެ މުއައްސަސާއިން ވަކިކުރުމަށް ނިންމާފައިވާ ދެހާސް ދުއިސައްތަ ވިހި އޮފިސަރުންގެ ތެރޭގައި ސިފައިންގެ އެންމެ އިސް ޖެނެރަލުންނާއި އިސް ކޮމާންޑަރުންގެ އިތުރުން،  އެތައް ސަތޭކަ ބަޔަކު ހިމެނެއެވެ. މިއީ ތުރުކީވިލާތުގެ ފަހުގެ ތާރީޚެއްގައި މިހާގިނަ އަދަދެއްގެ އިސް އޮފްސަރުންތަކެއް ސިފައިންގެ ތެރެއިން ވަކިކުރި ފުރަތަމަ ފަހަރެވެ. ތުރުކީ ސަރުކާރުން ވަނީ ސިފައިންގެ އެކި ރޭންކްތަކުގެ އަށްހާސް ހަސަތޭކަ ފަންސާސް އެއްމީހުން ބަޣާވަތުގައި އެކި ފެންވަރުގައި ބައިވެރިވާކަމަށް ބުނެފައެވެ. މިއީ ތުރުކީ ސިފައިންގެ ޖުމްލަ އަދަދުގެ ގާތްގަނޑަކަށް އެކެއް ޕޮއިންޓް ފަހެއް އިންސައްތައެވެ. ތުރުކީ ސިފައިންގެ ލަޝްކަރަކީ އެމެރިކާގެ ސިފައިންގެ ލަޝްކަރު ފިޔަވައި ނޭޓޯގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ލަޝްކަރެވެ. 

img:http://s2.psmnews.mv/images/660x400/14696947833947.jpg|ތުރުކީގެ ސިފައިންގެ ލަޝްކަރު

ނާކާމިޔާބު ބަޣާވާތާ ގުޅުން ހުރިކަމަށް ތުހުމަތުކޮށް ބަންދުކުރުމަށް ތުރުކީ ސަރުކާރުން އަމުރުކުރި ޚަބަރުފަތުރާ ވަސީލަތްތަކުގެ ތެރޭގައި ސޯޅަ ޓީވީ ސްޓޭޝަނާއި ތޭވީސް ރޭޑިޔޯ ސްޓޭޝަނާއި ސާޅީސްފަސް ނޫހާއި ތިން ނޫސްއެޖެންސީ އާއި ނަވާވީސް ޗާޕުޚާނާ ހިމެނެއެވެ. މިތަންތަން ބަންދުކުރުމަށް ތުރުކީ ސަރުކާރުން އަމުރުކުރީ އެގައުމުގައި އިޢްލާންކޮށްފައިވާ ކުއްލި ހާލަތާ އެކު ސަރުކާރަށް ލިބިދޭ ގާނޫނީ އިސްތިސްނާ ބާރުތަކުގެ ދަށުންނެވެ. މީގެ އިތުރުން ނާކާމިޔާބު ބަޣާވާތަށް އެހީތެރިވިކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ނޫސްވެރިންގެ މައްޗަށް ޝަރީއަތް ހިންގުމަށް ތުރުކީގެ ޕްރޮސެކިޓަރުން ނިންމާފައިވާއިރު މީގެތެރޭގައި ސަރުކާރާ އިދިކޮޅު މަޝްހޫރު ނޫހެއްކަމަށްވާ "ޒަމާން" ނޫހުގެ ސާޅީސް ހަތް މުވައްޒަފުން ހިމެނެއެވެ. 

"ޒަމާން" ނޫހަކީ ނާކާމިޔާބު ބަޣާވާތުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވޭ ދީނީ އިލްމުވެރިޔާ ފަތްހުﷲ ގުލެންއާ ގުޅުންބޮޑު ނޫހެކެވެ. އަނެއްކޮޅުން ތުރުކީވިލާތުގެ ސިއްހަތާބެހޭ ވަޒީރު ރަޖަބު އާގްދާޣް ވަނީ އެވުޒާރާގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންގެ ތެރެއިން ފަސްހާސް ފައްސަތޭކަ މުވައްޒަފުން މަގާމުން ވަކިކުރިކަން އިޢްލާން ކުރައްވާފައެވެ. މީގެތެރޭގައި ޑިރެކްޓަރުންނާއި އެއަށްވުރެ މަތީ މަގާމުތަކުގެ ސަތޭކަ ފަނަރަ މީހުންނާއި އެއްހާސް ފައްސަތޭކަ ހަތަރު މެޑިކަލް ޑޮކްޓަރުންނާއި ގިނައަދަދެއްގެ ޕްރޮފެޝަނަލް މުވައްޒަފުންނާއި ތަޖްރިބާކާރުން ހިމެނެއެވެ. މީގެއިތުރުން ސިފައިންނާއި ފުލުހުންގެ އާދައިގެ މީހުންނާއި ސަރުކާރުގެ އެކި ވުޒާރާތަކުގެ ސިވިލްސާވިސް މުވައްޒަފުން ހިމެނޭގޮތަށް ފަންސާސްހާހެއްހާ މީހުން ވަޒީފާއިން ވަކިކުރިކަންވެސް ތުރުކީ ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ.