ސައުދި އަރަބިއްޔާގެ އަލް ނަސްރާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބުގައި އިތުރު ދެ އަހަރު މަޑު ކުރުމަށް ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މެންޗެސްޓަރ ޔުނައިޓެޑް އާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 2023 ވަނަ އަހަރު އަލް ނަސްރު އާއި ގުޅުނު ރޮނާލްޑޯ އަލް ނަސްރުގައި 2026 ވަނަ އަހަރާއި ހަމައަށް މަޑު ކުރުމަށް ނިންމި ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އަދި މިކަމާއި ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް ފަރާތަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯ ވަނީ ސައުދީ ޕްރޯ ލީގުގެ ފަހު މެޗަށްފަހު އޭނާގެ ސޯޝަލް މީޑިޔާގައި މި ޗެޕްޓަރ ނިމުނީ ކަމަށް ބުނެ ޕޯސްޓެއް ކޮށްފަ އެވެ.
މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ކްލަބްތަކުން ފެނުމާއި ގުޅޭ ގޮތުން ދެކެވުނު ވާހަކަތަކަށް ރައްދު ދެމުން ރޮނާލްޑޯ ބުނެފައިވަނީ އޭނާއަށް ހުށައެޅުންތަކެއް ލިބުނު ނަމަވެސް މި މުބާރާތުގައި ކުޅުމާއިމެދު ނުވިސްނާ ކަމަށެވެ.
ނިމިގެންދިޔަ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޕޯޗުގަލް އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ރޮނާލްޑޯ ސައުދި އަރަބިއްޔާގައި މަޑު ކުރުމަށް ނިންމާފައިވާއިރު އޭނާ ގަލްފް ސަރަހައްދުގައި ކުޅިވަރުގެ ބިޔަ އިންވެސްޓްމަންޓްތަކެއް ކުރުމަށް ވިސްނަމުންދާކަމަށްވެސް ވަނީ ރިޕޯޓްތައް ބުނެފަ އެވެ.
އަލް ނަސްރުގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ކުޅުނު 111 މެޗުގައި ރޮނާލްޑޯ ވަނީ 99 ލަނޑު ޖަހާފަ އެވެ.
ރޮނާލްޑޯ އަލް ނަސްރުގައި މަޑު ކުރާނެކަމަށް ރިޕޯޓްތައް ބުނެފައިވާއިރު އެ ކްލަބުގެ ކޯޗެއްގެ ގޮތުގައި ހުރި އިޓަލީގެ ސްޓެފާނޯ ޕިއޯލީ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.