ޚަބަރު

ތޫނިސް ބަލިކޮށް ޗެލްސީ ދެވަނަ ބުރަށް


ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ޗެލްސީ އިން ހޯދައިފި އެވެ.

ޗެލްސީ އިން މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް ޑީ ގެ ފަހު މެޗުގައި މިއަދު ޓިއުނީޝިއާގެ ތޫނިސް އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗު ކާމިޔާބު ކުރުމާއިއެކު ޗެލްސީ އަށް ވަނީ ގްރޫޕް ޑީ ގައި ކުޅުނު ތިން މެޗުން 6 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ކޮލިފައިވެފައިވަނީ ބްރެޒިލްގެ ފްލެމިންގޯ އެވެ. އެ ޓީމު ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދާފަ އެވެ.

އެހެންކަމުން މި މުބާރާތުގެ ދެވަނަ ބުރުގައި ޗެލްސީ އާއި ދެކޮޅަށް ނިކުންނާނީ ގްރޫޕް ސީ ގެ އެއްވަނަ ޓީމު ކަމުގައިވާ ބެންފީކާ އާއި ދެކޮޅަށެވެ. އަދި ފްލެމިންގޯ ނިކުންނާނީ ބަޔާން މިއުނިކް އާއި ދެކޮޅަށެވެ.

ލިންކޮން ފައިނޭޝަލް ފީލްޑް ގައި ކުޅުނު މި މެޗު ޗެލްސީ އިން ކާމިޔާބުކުރިއިރު ޗެލްސީ އިން ވަނީ މެޗުގެ ފުރަތަމަ ހާފުގެ ފަހު ތިން މިނިޓުގެ ތެރޭގައި ދެ ލަނޑު ޖަހާފަ އެވެ. އެގޮތުން އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި އަޑަރަބިއޯޔޯ ލަނޑެއް ޖަހާފައިވަނިކޮށް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އެ ޓީމާއި އަލަށް ގުޅުނު ލިއާމް ޑެލަޕް ވަނީ ލަނޑެއް ޖަހާފަ އެވެ.

ޗެލްސީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގައި ތާރިގް ޖޯޖް ކާމިޔާބުކޮށްދިން ލަނޑެކެވެ.