ޚަބަރު

ވިއައިއޭގެ އައު ޓަރމިނަލަކީ ޚިދުމަތްތައް ފުރިހަމަ ތަނެއްކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް


  • އައު ޓަރމިނަލް ހުޅުވުމުގައި އަމަލުކުރަމުން އަންނަނީ ބައިނަލްއަޤުވާމީ ގޮތުން އަމަލުކުރަންޖެހޭ އެންމެ މަތީ މިންގަނޑުތަކަށް

  • އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕަސެންޖަރ ޓަރމިނަލަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ އަދި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި، ޚިދުމަތްތައް ފުރިހަމަ ތަނެއްކަން ކަށަވަރު ކުރުމަށް ދުނިޔޭގެ ބޮޑެތި އެއަރޕޯޓް ތަކާއެކު މަސައްކަތް ކޮށްފައިވާ މޮޑާލިސް ކުންފުނީގެ ހިޔާލާއި މަޝްވަރާ ހޯދަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސީއީއޯ އިބްރާހިމް ޝަރީފް މިހެން ވިދާޅުވީ، ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމަށްވަމުންދާ ތައްޔާރީތައް ހިއްސާކުރައްވާ އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވީ، އައު ޓަރމިނަލްގެ މަސައްކަތް ހަޤީޤަތަކަށް ހެދުމުގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި ޓަރމިނަލްގެ މަސައްކަތް ކުރިއަށް ގެންދަވަނީ ރައީސްގެ އިރުޝާދާއި ލަފާފުޅުގެ ދަށުން ކަން ފާހަގަކުރައްވާ ޝަރީފް ވަނީ އެ މަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ، މިހާރު ކުރިއަށްދަނީ އައު ޓަރމިނަލް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްކަމަށެވެ. އެގޮތުން އައު ޓަރމިނަލް ހުޅުވުމުގައި އަމަލުކުރަމުން އަންނަނީ ބައިނަލްއަޤުވާމީ ގޮތުން އަމަލުކުރަންޖެހޭ އެންމެ މަތީ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީވެސް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އަދި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި، ޚިދުމަތްތައް ފުރިހަމަ ތަނެއްކަން ކަށަވަރު ކުރައްނަން. އެކަމަށްޓަކައި ދުނިޔޭގެ ބޮޑެތި އެއާޕޯޓް ތަކާއެކު މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު މޮޑާލިސް ކުންފުނީގެ ހިޔާލާއި މަޝްވަރާ ހޯދަމުން މިއަންނަނީ" އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.

ސީއީއޯ ޝަރީފް ވިދާޅުވީ، މިހާރު ބޭނުންކުރަމުންދާ ޕަސެންޖަރ ޓަރމިނަލްއާއި ޚިލާފަށް އަލަށް ހުޅުވާ ޓަރމިނަލް ތަރައްޤީކޮށްފައިވަނީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކު ކަމަށެވެ. އަދި މި ޓަރމިނަލްގެ އެތެރެއާއި ބޭރުން ދިވެހި ވަންތަކަމުގެ ސިފަތައް ފެންނަމުންދާނެކަމަށާއި، ފަސިންޖަރުންނަށް ފަސޭހައިން ހިނގާލާ ވަގުތު ހޭދަކޮށްލުމަށް ޖާގަ އޮންނާނެކަމަށެވެ.

72.000 އަކަ މީޓަރު ބޮޑު އައު ޓާމިނަލަކީ އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ޚާއްސަ 24 ކައުންޓަރެއް ޤާއިމްކޮށްފައި ހުންނާނެއެވެ.

ވީއައިއޭގެ އައު ޕަސެންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ޖުލައި މަހުގެ 26ވަނަ ދުވަހުއެވެ. އަދި ޓަރމިނަލް ހުޅުވުމުގެ ކައުންޓްޑައުންނެއްވެސް އެމްއޭސީއެލުން ވަނީ ފަށާފައެވެ. މި ކައުންޓްޑައުން ފަށާފައިވަނީ އެއަރޕޯޓްގެ ވީއައިޕީ ލައުންޖް ކުރިމަތީގައެވެ.