ވިޔަފާރި

ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 79 މިލިއަން ރުފިޔާ


އެސްޓީއޯއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 79 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއާއެކު މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި އެސްޓީއޯއަށް ލިބުނު ފައިދާގެ އަދަދުވަނީ 191 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅާބަލާއިރު 15 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް ސަރުކާރާއި ރައްޔިތުން ޙިއްޞާވާ ކުންފުނި، އެސްޓީއޯއިން ޢާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއަރޓަރގެ މާލީ ހިސާބްތައް ދައްކާގޮތުން އެކުއަރޓަރގައި އެކުންފުންޏަށް ލިބިފައިވާ ފައިދާގެ މިންވަރަކީ މިދިޔަ އަހަރުގެ ދެވަނަ ކުއަރޓަރާ އަޅާބަލާއިރު، 9 އިންސައްތަ ދަށް އަދަދެކެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއަރޓަރާ އަޅާ ބަލާއިރު އަށާވީސް އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި އެކުންފުންޏަށް ލިބުނު ބޮޑު ފައިދާއާއެކު މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި، އެސްޓީއޯއަށް ލިބިފައިވާ ސާފު ފައިދާގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ހަމަސްދުވަހާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ. 

އެސްޓީއޯގެ ދެވަނަ ކުއަރޓަރގެ ފައިދާއާ ގުޅޭގޮތުން ޕީއެސްއެމްއާ ވަހާކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ އެކުންފުނީގެ ސާފު ފައިދާ، މިއަހަރުގެ ދެވަނަ ކުއާޓަރގައި ދަށްވެފައިމިވަނީ އެސްޓީއޯއިން ރައްޔިތުންނަށް ދޭ ޚިދުމަތްތަކާއި ވިއްކާ މުދަލުގެ އަގު ހެޔޮކޮށްފައިވާތީ ކަމަށެވެ. އަދި އެކުންފުނިން ބޭނުންވަނީ ކުރިއަށް އޮތްތާނގައިވެސް ތަކެތީގެ އަގު މިހާރަށްވުރެއްވެސް ދަށްކުރަންކަމަށް ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއަރޓަރގައި އެކުންފުންޏަށް ލިބިފައިވާ 1.6 ބިލިއަން ރުފިޔާގެ ޢާމްދަނީއެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާރުގައި ވިޔަފާރިކުރުމަށް އެސްޓީއޯއިން 1.2 ބިލިއަން ރުފިޔާ ހޭދަދުކޮށްފައިވާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 1.3 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ. 

ފުރަތަމަ ކުއާޓަރުގައި ފައިދާއިން ޙިއްޞާއަކަށް ޖެހެނީ 99 ރުފިޔާ ސާޅީސް އެއްލާރިއެވެ. އެހެންނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގެ ފައިދާއިން ޙިއްޞާއަކަށް ޖެހެނީ ހަތްދިހަ ރުފިޔާ ނުވަދިހަ ތިންލާރިއެވެ.