އިނގިރޭސިވިލާތުގެ އެންމެ ބޮޑު ސުޕަމާކެޓް ބްރޭންޑު ކަމުގައިވާ ކޯ-އޮޕުން ޔަހޫދީންގެ މުދާ ވިއްކުން ހުއްޓާލައިފިއެވެ.
އިނގިރޭސިވިލާތުގެ އެކި ސަރަޙައްދުތަކުގައި ކޯ-އޮޕުގެ 2،300އަށްވުރެ ގިނަ ފިހާރަ ހުރެއެވެ. ދާދި ފަހުން ކޯ-އޮޕުގެ ބޯޑުން ވަނީ ޞުލްޙަ ޤާއިމު ކުރުމުގައި އެ ކުންފުނިން އަދާ ކުރާ ދައުރު މުރާޖަޢާ ކޮށްފައެވެ. އެ ކުންފުނިން ބުނީ ޔަހޫދީ ދައުލަތުގެ އުފެއްދުންތައް ހިމެނޭ ގޮތަށް އިންސާނީ ހައްޤުތަކާ ޚިލާފު އަމަލުތައް ހިންގާ އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވާ 17 ޤައުމެއްގެ އުފެއްދުންތައް ވިއްކުން ހުއްޓައިލުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މި މަހުން ފެށިގެން ޔަހޫދީ ދައުލަތުން އިނގިރޭސިވިލާތަށް އެތެރެކުރާ ކެރެޓު ކޯ-އޮޕުގެ ފިހާރަތަކުން ނުވިއްކާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ފާއިތުވި ދުވަސްތަކުގައި ވިލާތުގެ ޤައުމުތަކުން ދަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން ޝާހީދުވާ މީހުންގެ ޢަދަދު ގިނަކަމުން ޔަހޫދީންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ކޯ-އޮޕް ބޯޑުގެ މުޤައްރިރު، ޑެބީ ވައިޓް ވިދާޅުވީ ކުންފުނީގެ މެންބަރުންގެ ކަންބޮޑުވުންތައް އަޑުއަހައި ކުންފުނިން އެދެވޭ ގޮތަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ވިޔަފާރިއެއްގެ ޙައިޞިއްޔަތުން ކޯ-އޮޕުގެ ތާރީޚުގައި ވެސް އެ ކުންފުންޏަކީ އަބަދު ވެސް އެންމެ ރަނގަޅަށް އަމަލު ކުރެވޭތޯ ބަލާ ކުންފުންޏެއް ކަމަށާއި ފެއަރ ޓްރޭޑަށް އެ ކުންފުނިން އަބަދު ވެސް ހިތްވަރުދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ފަހުގެ މި ނިންމުމަކީ ހަމަ އެ ވިސްނުމުގައި އަޅާފައިވާ ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.