ޚަބަރު

ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 3 މީހަކަށް ފަރުވާދެނީ


  • ޑިންގީ ވަނީ އަޑިއަށް ގޮސްފައި

  • ޑިންގިއަކީ ހިންނަވަރަށް ނިސަބަތްވާ އުޅަނދެއް

ލޯންޗަކާއި ޑިންގީއެއް ޖެހި ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިރޭ 8:30 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ މަޑިވަރު އެއަރޕޯޓާއި ދިމާލުން ކަނޑުމަތިން ހިންނަވަރު ޑިންގީއަކާއި ކަނުހުރާ ރިސޯޓުގެ ލޯންޗެއް ޖެހިގެންނެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭގެތެރެއިން އެކަކުގެ ހާލު ސީރިއަސްކަމުން އިތުރު ފަރުވާއަށް މާލެ ފޮނުވާލުމަށް ނިންމާފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި އަނެއް 2 މީހުންގެ ހާލު ސީރިއަސް ނޫންކަމަށާއި، ނަމަވެސް ލިބިފައިވާ ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށްވެސް ޅ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި ހިމެނޭ ޑިންގީ ގެއްލިފައިވާކަމަށާއި، ބޮޑަށް ބެލެވެނީ ޑިންގީ އަޑިޔަށް ގޮސްފައިވާކަމަށެވެ. އަދި މި މައްސަލަ މިހާރު ތަހުގީގުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.