ޚަބަރު

އުއްމީދުކުރީ ފައިނަލަށް، އަނިޔާގެ ސަބަބުން ރަނގަޅަށް ފަރިތައެއް ނުކުރެވުނު: ކުޑަ އައްޔަ


ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025 އަށް ނިކުތީ އަނިޔާގައި ހުރެ ކަމަށާއި، އުއްމީދުކުރީ ފައިނަލަށް ދެވޭނެ ކަމަށް އެކަނި ކަމަށް ޑްރޮޕްނީ ކެޓެގަރީގެ ޗެމްޕިއަންކަން ހޯދި އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ބުނެފިއެވެ.

މި މަހުގެ 17 އިން 20 އަށް މާލޭ ވަރުނުލާ ރާޅުގަނޑުގައި ބޭއްވި މިއަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތުގެ ޑްރޮޕްނީ ކެޓެގަރީ ކާމިޔާބުކުރުމަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ކުޑަ އައްޔަ ބުނީ އެ ކެޓެގަރީގެ ޗެމްޕިއަންކަން ލިބުމުން އުފާވާ ކަމަށާއި، އެހެންނަމަވެސް މި މުބާރާތަށް ފަރިތަކުރެވުނީ ވަރަށް ކުޑަކޮށް ކަމަށެވެ.

"އެންމެ އުންމީދުކުރީ ސެމީ ފައިނަލުން ފައިނަލަށްދާން. އަންފިޓްކޮށް މި ދިޔައީ އިންޖަރީއަކާއި ހެދިގެން. އެކަމަކު ވަރަށް އުފާވެއްޖެ. ކުރިޔަށް އޮތް މުބާރާތުގައި އެއްވަނަ ހޯދަން ވަރަށް މަސައްކަތް ކުރާނަން" ކުޑަ އައްޔަ ބުންޏެވެ.

މި މުބާރާތުގެ ޑްރޮޕްނީ ކެޓެގަރީގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދީ ފައިނަލްގައި އާމިން އުމަރު މޫސާއާ ވާދަކޮށް 11.00 ގެ ސްކޯއަކުންނެވެ. އެކަމަކު މެންސް އޯޕަން ކެޓަގަރީގެ ފައިނަލްގައި ކުޑަ އައްޔަ ވަނީ އާމިން އަތން ބަލިވެފައެވެ. އާމިން މި ކެޓަގަރީގެ އެއްވަނަ ހޯދީ 13.76 ގެ ސްކޯއަކުން ކުޑަ އައްޔަ ބަލިކުރުމަށްފަހުއެވެ.

ކުޑަ އައްޔަ ބުނީ މި މުބާރާތަށް ފަރިތަކުރެވުނު މިންވަރު މަދުނަމަވެސް ލިބުނު ކާމިޔާބަށް ވަރަށް އުފާކުރާ ކަމަށެވެ. އަދި މި މުބާރާތުގައި އެންމެ އުފާވާ އަނެއް ކަމަކީ އޭނާ ކައިރިން ދަރިވަރުވެގެން އައި ކުދިންތަކެއް އޭނާއާ ވާދަކޮށް އޭނާއަށްވުރެ މޮޅަށް ރާޅާއަޅާތަން ފެނުނުން ކަމަށްވެސް ކުޑަ އައްޔަ ބުންޏެވެ.

"ހުދުފޮނުގައި ބައިވެރިވި ކުދިން އަދި ފުވަވައްމުލަކުގައި އައްޔަ އަމިއްލައަށް ބޭއްވި ރާއްޖެ ބޮޑީބޯޑިން މުބާރާތެއްގެ ބައިވެރިވި ކުދިން އެބަތިބި. އެ ކުދިންތައް އައިސް އައްޔަ އާއި މިހާރު ކޮމްޕީޓު ކުރަމުންދަނީ. އަދި އެކުދިން އައްޔައަށްވުރެ މޮޅަށް ރާޅާ އަޅާތީ ވަރަށް އުފާވޭ" ކުޑަ އައްޔަ ބުންޏެވެ.

މުބާރާތުގެ އިންތިޒާމުތަކާ ގުޅޭ ގޮތުން އައްޔަ ބުނީ އެމްބީބީއޭގެ މުބާރާތްތައް އަބަދުވެސް ހިންގަނީ ވަރަށް ރޭވުންތެރިކަމާއެކުގައި ކަމަށާއި މިއަހަރުވެސް މުބާރާތް ދިޔަގޮތް ހިތްހަމަޖެހޭ ކަމަށެވެ.

"ވޭވް ޕްރިޑިކްޝަން އާއި ޖަޖިންވެސް ވަރަށް ރަނގަޅު. އެމްބީބީއޭއީން މި ކަހަލަ މުބާރާތްތައް ފޯރި ގަދަކޮށް ބާއްވާތީ ވަރަށް އުފާވޭ" އައްޔަ ބުންޏެވެ.