ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގެ ސްކީމްތަކަށް ލޯނު ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިންއެއްކަމަށެވެ. އަދި ފައިނޭންސް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބޭނެކަމަށެވެ. އެހެންކަމުން މި ފައިނޭންސިންއަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ނިސްބަތް އިތުރުވާނެކަމަށް ބެލެވޭކަމަށް ސީއީއޯ ވިދާޅުވިއެވެ.
މުހައްމަދު ޝަރީފް ވިދާޅުވީ، ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގެ ސްކީމްތަކަށް ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ލިބުމާއެކު، އެއެޕްލިކޭޝަންތައް އިވޭލިއޭޓްކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.
"މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންނަށް އެޕްލިކޭޝަންތައް ލިބުމުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެޕްލިކޭޝަންތައް ލިބޭތާ ދެ ހަފްތާ ތެރޭގައި، އިވޭލުއޭޝަންގެ މަސައްކަތް ނިންމާ މިނިސްޓްރީއަށް ފޮނުވަން." ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގައި ހިމެނެނީ 3 ސްކީމެކެވެ. އެއީ ރަށްވެހި ފައިނޭންސިންގ ސްކީމް، ސަހަރު ފައިނޭންސިންގ ސްކީމް، ފަހިމާލެ ފައިނޭންސިން ސްކީމެވެ. މީގެތެރެއިން ރާއްޖޭގެ އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް ރަށްވެހި ފައިނޭންސިންގ ސްކީމްގެ ދަށުން 1 މިލިއަން ރުފިޔާ، އަރބަން ސެންޓަރތަކުން ސަހަރު ފައިނޭންސިންގ ސްކީމަށް އެދި ހުށައަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ ލިބޭނެއެވެ. މީގެއިތުރުން މާލެ ސަރަޙައްދަށް ހުޅުވާލި ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން 6 މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެއެވެ.
މިއީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންއެކެވެ. އަދި މި ސްކީމުގެ ދަށުށް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ބިން ލިބިފައިވާ ފަރާތްތަކަށް ގެދޮރު އެޅުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.