ފީފާ ކްލަބް ވޯލްޑް ކަޕްގައި މިއަދު އަލް އަހުލީ އާއި އެފްސީ ޕޯޓޯ ބައްދަލުކުރި 4-4 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވެ ދެ ޓީމުވެސް މުބާރާތުގެ ފުރަތަމަ ބުރުން ކަޓައިފި އެވެ.
މި މެޗު އެއްވަރުވުމުން މި ދެ ޓީމަށްވެސް ގްރޫޕުގައި ކުޅުނު ތިން މެޗުން ލިބިފައިވަނީ 2 ޕޮއިންޓެވެ.
ނިއު ޔޯކުގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 15 ވަނަ މިނިޓުގައި އަލް އަހުލީ އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. ނަމަވެސް އޭގެ 8 މިނިޓު ފަހުން ޕޯޓޯގެ ރޮޑްރިގޯ މޯރާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަލް އަހުލީ އިން ވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑުވެސް ޖެހި ވިސާމް އަބޫ އަލީ އެވެ.
މި މުބާރާތުގައި މިޙާތަނަށް ފެނިގެންދިޔަ އެންމެ ވާދަވެރި މެޗުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސް ވަނަ މިނިޓުގައި ޕޯޓޯ ގެ ވިލިއަމް ގޯމެޒް ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ނަމަވެސް އޭގެ މިނިޓެއް ފަހުން ވިސާމް އަބޫ އަލީ ވަނީ މި މެޗުގައި ތިންވަނަ ލަނޑެއް ޖަހާ ހެޓްރިކް ހެދުމަށްފަހު ތިންވަނަ ފަހަރަށް އަލް އަހުލީ އަށް ކުރި ހޯދަދީފަ އެވެ. މިއީ މި މުބާރާތުގައި ހެދި ފުރަތަމަ ހެޓްރިކެވެ.
މި މެޗުގައި ތިންވަނަ ފަހަރަށް އަލް އަހުލީ އިން ކުރި ހޯދި ނަމަވެސް އޭގެ ދެ މިނިޓު ފަހުން ސަމޫ އަގެހޯވާ ވަނީ ލަނޑެއް ޖަހާ ތިންވަނަ ފަހަރަށް ޕޯޓޯ އަށް މެޗު އެއްވަރުކޮށްދީފަ އެވެ.
އަލް އަހުލީ އިން ވަނީ މެޗުގެ 64 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-3 އަށް ބަދަލުކޮށްފަ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ޕޯޓޯގެ ކެޕްޓަން ޕެޕޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.