ޚަބަރު

ތިމާވެށީގެ މައްސަލަތަކާ ބެހޭގޮތުން ގިނީ ސަފީރާއެކު މަޝްވަރާކުރައްވައިފި


  • ގިނީ ސަފީރު ވަނީ މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވާފައި

  • އިންވެސްޓްމަންޓްގެ ދާއިރާއާއި އިޤުތިޞާދީ އެއްބާރުލުން ދިނުމަށް މަޝްވަރާކުރެއްވި

ތިމާވެއްޓަށް ދިމާވަމުންދާ މައްސަލަތަކާ ބެހޭގޮތުން ގިނީ ސަފީރު ކޮންޓް އަލައްސާންއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.

ގިނީގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ކޮންޓް އަލައްސާން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ވަނީ އަރުވައިފައެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ގިނީގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވައިފައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި އިންވެސްޓްމަންޓްގެ ދާއިރާއާއި އިޤުތިޞާދީ އެއްބާރުލުން ދިނުމާއި ތިމާވެށީގެ މައްސަލަތަކާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި 2 ޤައުމުގެ މެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ގިނީއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1983 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.