ސްރީ ލަންކާގެ ކިކާޒް އެކެޑެމީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 10 ވަނަ ކިކާޒް ފުޓްބޯލް ކާނިވަލްގައި ވާދަކޮށް ވިލިމާލެ ޔުނައިޓެޑުގެ ދެ ޓީމެއް ޗެމްޕިއަންކަން ހޯދައިފިއެވެ.
މި މަހުގެ 21 އިން 22 އަށް ކުރިއަށްގެންދިޔަ މިމުބާރާތަކީ ބައިނަލްއަގުވާމީ ޓީމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. ޖުމްލަ ހަތަރު އުމުރުފުރާއަކުން މި މުބާރާތުގައި ވާދަކޮށްފަވާއިރު ރާއްޖޭގެ ވިލިމާލެ ޔުނައިޓެޑުން މުބާރާތުގައި ވާދަކޮށްފައިވަނީ 14 އަހަރުން ދަށުގެ އުމުރުފުރާ އާއި 12 އަހަރުން ދަށުގެ އުމުރުފުރާގައެވެ.
މި މުބާރާތުގެ ފައިނަލް މެޗުތައް އިއްޔެ ކުޅެފަވާއިރު، ވިލިމާލެ ޔުނައިޓެޑުގެ 14 އަހަރުން ދަށުގެ ޓީމުން ފައިނަލްގައިި ވާދަކޮށްފަވަނީ ހިލްސް އެފްސީއާއެވެ. އެ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވިލިމާލެ ޔުނައިޓެޑުން ވަނީ އެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރާއްޖޭގެ ޓީމުގެ މުޙައްމަދު އާކިލް ޔަމީންއެވެ.
ކިކާޒް ފުޓްބޯލް ކާނިވަލުގެ 12 އަހަރުން ދަށުގެ އުމުރުފުރާގެ ތަށިވެސް ވިލިމާލެ ޔުނައިޓެޑުން ހިއްލާލާފައިވާއިރު، ފައިނަލްގައި އެ ޓީމުން ވާދަކޮށްފަވަނީ ގޭޓްވޭ ވަންއާއެވެ. އެ މެޗުވެސް ރާއްޖޭގެ ޓީމުން ކާމިޔާބުކޮށްފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަވަނީ ވިލިމާލެ ޔުނައިޓެޑުގެ އަޙްމަދު ޔުމާން އަމީންއެވެ.
ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ރޭސްކޯސް ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގައި ހަތަރު އުމުރުފުރާއަކުން 56 ޓީމު ވަނީ ވާދަކޮށްފައެވެ. އެއީ 15 އެކެޑަމީއަކުން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކެވެ.