ކުޅުމުގެ ހުއްދަ ދިނުން ލަސްވާތީވެ ހިތްހަމަނުޖެހިގެން ފްރާންސްގެ ޕީއެސްޖީގެ ފޯވަޑް ފޯވާޑް އޮސްމާނޭ ޑެމްބެލޭ، ފިސްޓަސް ކޯޗާ ތަޅައިގެންފިއެވެ.
މި ވަގުތު ކުލަބު ވޯލްޑް ކަޕުގައި ކުޅެން އެމެރިކާގައި ތިބި ޓީމަށް ކުޅެން ޑެމްބެލޭ ހުރީ ނުހަނު ކެތްމަދުވެފަ އެވެ. އޭނާ ދެކޭ ގޮތުގައި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑީއޯ އެވޯޑް މި އަހަރު ހޯދަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. ނަމަވެސް މި މުބާރާތުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގައި އަނިޔާގެ ސަބަބުން އޭނާ އަށް ވަނީ ކުޅެވޭގޮތް ނުވެފަ އެވެ.
ޕީއެސްޖީގެ ދެ ވަނަ މެޗު އޮތީ މި އަންގާރަ ދުވަހުގެ ރޭގަ އެވެ. ޑެމްބެލޭ ކެތްތެރިކަން ކޮޅުން ލައިދިޔައީ ފިޓްނަސް ކޯޗު އޭނާ ފިޓްނޫން ކަމަށް ބުނާތީ އެވެ.
އެމެރިކާގެ މީޑިއާ ތަކުން ބުނަނީ ފިޓްނަސް ކޯޗުން ޑެމްބެލޭ ލައްވައި ދިގު ޑްރިލްތަކާއި ޓްރޭނިންގެ ކުރިން ގިނަ އެކްސަސައިޒްތަކެއް ކުރުވާ ކަމަށެވެ. ނަމަވެސް ކުޅެން ހުއްދަ ނުދޭތީވެ ކުޅުންތެރިޔާ ރުޅިގަދަވީ ކަމަށެވެ. އަދި އޭނާ އަށް ކުޅުމުގެ ހުއްދަ ދިނުމަށް ޑެމްބެލޭ ދަނީ ވަރަށް ބޮޑަށް ބާރުއަޅަމުން ކަމަށެވެ.
އުމުރުން 27 އަހަރުގެ ޑެމްބެލޭ ވަނީ ނިމިދިޔަ ސީޒަނުގައި ފްރެންޗް ލީގާއި ފްރެންޗް ކަޕް އަދި ޗެމްޕިއަންސް ލީގު ޕީއެސްޖީ އަށް ކާމިޔާބުކޮށްދީފަ އެވެ. މިހެންވެ ބެލޮންޑީއޯ އެވޯޑް ލިބުން އެންމެ ގާތް އެއް ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
އޭނާއާ އެންމެ ގާތުން ވާދަ ކުރާނެ ކަމަށް ބެލެވެނީ ބާސެލޯނާގައި ތިން ތަށި ހޯދައި ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ކުޅުނު ޒުވާން ފޯވަޑް ލަމީން ޔަމާލެވެ. ނަމަވެސް ބާސެލޯނާ އަށް ކުލަބު ވޯލްޑް ކަޕުން ފުރުސަތު ނުލިބޭތީވެ، ޑެމްބެލޭ ދެކޭ ގޮތުގައި މިއީ އޭނާ އަށް ބެލޮންޑީއޯ އެވޯޑް ލިބޭނެކަން ޔަގީން ކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި 33 ގޯލު ޖަހާފަ އެވެ.