ކުޅިވަރު

ޓާ ސްގެޓަން އާއި ފްލިކް ކުރިމަތިލަނީ


ބާސެލޯނާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަން އާއި ކޯޗު ހަންސީ ފްލިކުގެ ގުޅުން ގޯސްވެފައި ވަނިކޮށް، ދެ މީހުން ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ސްޕޭނުގެ ނޫސްތަކުން ބުނަނީ މި ބައްދަލުވުމުގެ ބޭނުމަކީ ބާސެލޯނާގައި ޓާ ސްޓެގަން އަށް ދެން އޮންނާނެ ރޯލު އޭނާއަށް ސާފުކޮށްދިނުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފާއިތުވެދިޔަ 10 އަހަރު ބާސެލޯނާ އަށް ކުޅުނު ޖަރުމަނުގެ ގައުމީ ކީޕަރަށް އަންނަ ސީޒަނުން ފެށިގެން ވާނީ އެ ކުލަބުގެ ތިން ވަނަ ކީޕަރަށެވެ. އެއްވަނަ ކީޕަރަކަށްވާނީ އެސްޕަނިޔޯލްއިން ގެނައި ޒުވާން ކީޕަރު ޖޯން ގާސިއާ އެވެ. ދެ ވަނަ ކީޕަރަކަށްވާނީ ހުސްވި ސީޒަނުގެ ބޮޑު ބައެއްގައި ފުރަތަމަ 11ގައި ކުޅުނު ޕޮލެންޑްގެ ކުރީގެ ގައުމީ ކީޕަރު ވޮސިއެޗް ޝެޒްނީ އެވެ. އޭނާ އަށް ދެ އަހަރުގެ އެއްބަސްވުމެއް ބާސެލޯނާއިން ވަނީ ހުށަހަޅާފަ އެވެ. ތިންވަނަ ކީޕަރު ކަމަކީ ޓާސްޓެގަން ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ.

ޓާ ސްޓެގަން އަށް އެއްވަނަ ކީޕަރުކަން ނުދޭނެކަން ޔަގީންވާ އަނެއް ކަމަކީ ސްޕޯޓިން ޑައިރެކްޓަރު ޑެކޯގެ ދެއްކެވި ވާހަކަތަކެވެ. އޭނާ ވިދާޅުވީ ޖޯން ގާސިއާ ގެނައުމުން ޓާ ސްޓެގަންއަށް އެއްވަނަ ކީޕަރުކަން ކަށަވަރުކޮށް ނުދެވޭނެ ކަމަށެވެ.

ފްލިކް އާއި އޭނާ ބައްދަލުކުރާއިރު މި ބައްދަލުވުން ހޫނުވާނެ ކަމަށް ގިނަ ބަޔަކު ބުރަވަނީވެސް މިހެންވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ބައްދަލުވުމުގައި ފްލިކް އެދޭނީ އޭނާގެ ޕްލޭނުގައި ޓާ ސްޓެގަންއަށް ޖާގަ ނެތް ކަން ދެއްކުމަށް ފަހު އެހެން ކުލަބަކަށް ބަދަލުވުމަށެވެ. ނަމަވެސް މިއީ ޓާސްޓެގަން ބޭނުންވާނެ އަދި އަމަލު ކުރުން ގާތް ގޮތެއް ނޫން ކަމަށްވެ އެވެ. އޭނާ އަދި ހުރީ ބާސެލޯނާގައި އެއްވަނަ ކީޕަރު ކަމަށް ވާދަކުރާ ގޮތަށެވެ.

ނަމަވެސް އަންނަ އަހަރަކީ ވޯލްޑް ކަޕް އޮންނަ އަހަރު ކަމަށް ވުމުން ނުކުޅެ ބެންޗުގައި އިންނަން ޖެހިއްޖެނަމަ އޭނާ ކުލަބު ދޫކޮށްލާނެ ކަމަށް ބާސެލޯނާއިން ދެކެ އެވެ. އެއީ ބެންޗުގައި އިންނަނަމަ ޖަރުމަނުގެ ގައުމީ ޓީމުގެ ޖާގަ ގެއްލޭނެތީވެ މިއީ ޓާ ސްޓެގަން އަށް ފަރުޖައްސާލެވެން އޮންނާނެ ކަމެއް ނޫން ކަމަށް ވާތީ އެވެ. އޭނާއާ މެދު ބާސެލޯނާއިން މިހާރު ކަންތައްތައް ކުރަން އުޅޭ ގޮތާމެދު ޓާ ސްޓެގަން ހިތްހަމަ ނުޖެހެ އެވެ.

ނަމަވެސް އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތް ނަމަވެސް ބާސެލޯނާ ބޭނުންވަނީ ޓާ ސްޓެގަން އަށް ގާތްގާތުގައި ލިބޭ އަނިޔާތަކުގެ ސަބަބުން އޭނާގެ ބަދަލުގައި ޒުވާން ކީޕަރަކު ލައްވައި ކުޅުވުމަށެވެ.