ކުޅިވަރު

ވީއޭއެމް ކަޕަށް ނުކުންނާނީ ވަރުގަދަ ޓީމެއް: ޕޮލިސް ކުލަބުގެ ކޯޗު


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ވީއޭއެމް ކަޕް 2025 އަށް ޕޮލިސް ކުލަބުން ނެރޭނީ ވަރަށް ވަރުގަދަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށް އެ ޓީމުގެ ކޯޗު މަލިން ސަމްޕަތު ބުނެފިއެވެ.

މުބާރާތަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ސްރީލަންކާއަށް ނިސްބަތްވާ ކޯޗު ބުނީ ޕޮލިސް ކުލަބުން މުބާރާތާ ކުރިމަތިލާނީ ވަރަށް ބޮޑު އުންމީދަކާ އެކުކަމަށެވެ. ޒުވާން ވަރުގަދަ ޓީމަކާއެކު ޕޮލިހުން ނުކުންނާނީ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައިކަމަށް ކޯޗު ފާހަގަކުރިއެވެ.

ޕޮލިސް ކުލަބުގެ ސްކޮޑު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ކުޅުންތެރިންތަކެއްވެސް ޓީމާ ގުޅިފަވާކަމަށާ، އެއީވެސް ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއްކަމަށް ކޯޗުވަނީ ފާހަގަކޮށްފައެވެ.

"ޓީމާ ގުޅިފަވަނީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް، ގިނަ ކުޅުންތެރިންނަކީ 20 އަހަރުންދަށުގެ ކުޅުންތެރިން. އުމުރުގެ ގޮތުން ވަރަށް ހަގު ކުޅުންތެރިންތަކެއް މިއީ، އެހެންނަމަވެސް ސީނިއާ ކުޅުންތެރިންވެސް ހިމެނޭނެ. އޭގެ ތެރޭގަ އަޅުގަނޑުމެންގެ ލިބަރޯވެސް ހިމެނޭ" ކޯޗު ބުންޏެވެ.

ކޯޗު ބުނީ ވީއޭއެމް ކަޕަށް ޒުވާން ޓީމަކާއެކު ނުކުންނައިރު، އުންމީދަކީ މިފަހަރު މުބާރާތުގެ ނަތީޖާ ރަނގަޅުކުރުންކަމަށެވެ. ފާއިތުވެ ދިޔަ އަހަރު ޕޮލިސް ކުލަބުން މުބާރާތުން ރެލިގޭޓްވެފައިވާކަން ފާހަގަކުރަމުން ކޯޗު ބުނީ މިއަހަރުގެ މުބާރާތަށް ޕޮލިސް ކުލަބުން ތާއްޔާރުކުރަމުންދަނީ ވަރުގަދަ ޓީމަކާއެކުކަމަށެވެ.

"އުންމީދުކުރަނީ ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް މިމުބާރާތުން. ފާއިތުވެދިޔަ މުބާރާތުން ޕޮލިސް ކުލަބުވަނީ ރެލިގޭޓްވެފަ. އެކަމަކު މިފަހަރުގެ ޓީމު ވަރުގަދަވާނެ، އަޅުގަނޑުމެން މަސައްކަތްކުރަނީ ކުރެވުނު އެންމެ ރަނގަޅަކަށް" ފެބްރުއަރީ މަހު ޕޮލިސް ޓީމާ ގުޅުނު ކޯޗު ބުނެފަވެއެވެ.

ޕޮލިސް ޓީމުގެ ސްކޮޑު އިތުރަށް ވަރުގަދަކުރުމަށްޓަކައި ޓީމަށް ގެނެވުނު އިންޑިއާގެ ދެކުޅުންތެރިންނާއެކު ޕޮލިހުގެ ޒުވާން ޓީމަށް އިތުރު ހިއްވަރެއް ލިބޭނެކަމަށް އެޓީމު ކެޕްޓަން ޝުޢައިބް ޢަބްދުއްލަތީފް ވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނެފައެވެ. ޝުޢައިބު ބުނީ ވޭތުވެދިޔަ ހަތަރު އަހަރަކީ ޓީމަށް ވަރަށް ނާކާމިޔާބު އަހަރުތަކެއްކަމަށާ އެހެންނަމަވެސް މިއަހަރުގެ މުބާރާތާ ކުރިމަތިލާނީ ތަފާތެއް ދެއްކުމުގެ އަޒުމުގައިކަމަށެވެ.

"މިހާރު އަނެއްހެން ބަލައިފިއްޔާ ރާއްޖޭގައި ތިބި ހުރިހާ ޔަންގު ކުޅުންތެރިން މިތިބީ ޕޮލިސް ކުލަބުގައި، ދެން މިކުދިންނަށް ލިބޭނެ އިތުރު ހިއްވަރަކާ އެކީގައި ބަލައިފިއްޔާ ވަރަށް ބޮޑު އެއްޗެއް ރަނގަޅުވާނެ. ގާތްގަނޑަކަށް ޕަސެންޓޭޖުން އިތުރު ސެވެންޓީ އެއިޓީ ޕަސެންޓު އިތުރަށް ޖެހިލާނެކަމަށް މިބަލަނީ" ޝުޢައިބު ބުނެފަވެއެވެ.